ޕްރިމިއާ ލީގުގައި ލިވަޕޫލް އާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެންނާނެ ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ނުކުޅެން ނިންމާފައި ވަނީ އޭނާ އަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ރޭ މަރުވުމާ ގުޅިގެންނެވެ. ރޮނާލްޑޯ އާއި ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ބުނީ، އެ ދެމީހުންނަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ ވިހެއުމުގެ ތެރޭގައި މަރުވެފައިވާ ކަމަށެވެ.

ނަމަވެސް އަންހެން ކުއްޖާ ސަލާމަތްވެފައިވާ ކަމަށް އެ ދެ މީހުން ނެރުނު ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން މެންޗެސްޓަ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ އެހެން ހުރިހާ އެއްޗަކަށް ވުރެ އާއިލާ މުހިންމު ވާނެ ކަމަށެވެ. މި އުނދަގޫ ދަނޑިވަޅުގައި ރޮނާލްޑޯ ހުރީ އޭނާގެ ލޯބިވާ މީހުންނާ އެކުގައި ހިތްވަރު ދިނުމުގައި ކަމަށް ވެސް ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"އަހަރުމެން ކަށަވަރުކޮށްދެން ލިވަޕޫލްއާ ދެކޮޅަށް އެންފީލްޑްގައި ކުޅޭ މެޗުން އޭނާ (ރޮނާލްޑޯ) ނުފެންނާނެ ކަން. ކްރިސްޓިއާނޯ. އަހަރުމެން އެންމެން މި ހަނދާން ކުރަނީ (ރޮނާލްޑޯ) މަތިން." ބަޔާނުގައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މެންޗެސްޓަ ޔުނައިޓެޑުން މިއަދު ހެނދުނު ބޭއްވި ފަރިތަކުރުންތަކުގައި ވެސް ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ.

ރެއާލް މެޑްރިޑާއި ޖުވެންޓަސް އިން ވެސް ވިދާލި ރޮނާލްޑޯ 37، ގެ ހަތަރު ކުދިން މިހާރު ވެސް ތިބެއެވެ. އޭގެ ތެރޭގައި 4 އަހަރު ފުރިފައިވާ އެއްމާބަނޑު ދެކުދިންގެ އިތުރުން 3 އަހަރު ފުރިފައިވާ އަންހެން ކުއްޖަކު ހުންނައިރު، 11 އަހަރުގެ ފިރިހެން ކުއްޖަކުވެސް އޭނާގެ ހުރެއެވެ.‎

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންމެ ފަހުން ޔުނައިޓެޑް ނޯވިޗް ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ވެސް ހަދައިފައެވެ.

ރޮނާލްޑޯ އަދި ޖޯޖީނޯއަށް އެއްމާބަނޑު ދެކުދިން ލިބޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ލިވަޕޫލް އާއި ޔުނައިޓެޑް ބައްދަލު ކުރާ މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖެ ގަޑިން 12:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގްލޯރީ ހަންޓާ

    ރަގަޅު، ބޮޑުތި ޓީމްތަކާއި ދެކޮޅަށް ކުޅެން ބިރު ގަންނަ މީހެއް، ކުދި ޓީމްތަށް ކައިރިން ކަމެއް ވާނީ މިކަލޭގެއަށް

    • ޕިސް ޕިސް ޕިސް

      އޭއި..ތަންދޮރުބަލާފަ ވާހަކަ ދައްކަ އިނގިއްޖޭ.....ރޮނާލްޑޯގެ ކުއްޖެއް މަރުވެގެން އޭނަ ނުކުޅެނީ......ކިހިނެއް އުޅޭ ބައެއްތަ މީ؟ ކަމުގެ ހަގީގަތެއްވެސް ނުބަލާ އެއްޗިހި ގޮވައިގަންނާނެއޭ....

  2. މުސްލިމް

    އަޅޭ ވަރަށް ދެރަ ރޮނާލްޑޯގެ އެއް ދަރިފުޅު މަރުވީމާ... 😢
    ބީ ބްރޭވް...