ބާސެލޯނާ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށް އަނިޔާވެއްޖެއެވެ.

މެސީ އަށް އަނިޔާވެފައި މިވަނީ ވޯލްޑް ކަޕް ފެށެން ދެ ހަފްތާ އަށް ވެފައި ވަނިކޮށެވެ. އަނިޔާގެ ސަބަބުން ފްރާންސް ލީގުގައި ޕީއެސްޖީން ލޯރިއަންޓް އާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުކުޅޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާޖެންޓީނާގެ ކެޕްޓަން މެސީގެ ފައިގެ ކުޑަ ހުޅަށް ވަނީ އަނިޔާވެފައެވެ. އެކަމަކު މެސީ އަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފޭވަރިޓް އެއް ޓީމަކީ ވެސް އާޖެންޓީނާއެވެ. މެސީގެ އަމާޒަކީ މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމެވެ.

ޕީއެސްޖީން ބުނީ މެސީ އަށް ލިބުނީ ވަރަށް ކުޑަ އަނިޔާއެއް ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި މެސީ ތަމްރީންތަކުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން 2-1 އިން ޔުވެންޓަސް އަތުން މޮޅުވި މެޗުގައި މެސީ ކުޅެފައިވެއެވެ. އަދި އަންނަ ހަފްތާ ބަންދުގައި ޕީއެސްޖީން ކުޅޭ މެޗުގައި މެސީ ފެންނާނެ ކަމަށް އެ ޓީމުގެ ސަޕޯޓަރުން ވެސް އުންމީދު ކުރެއެވެ.

މި ފަހަރު ވެގެން ދާނީ މެސީ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕަށެވެ. މި ސީޒަން ފެށުނު ފަހުން ވެސް މެސީ އަށް އަނިޔާގެ އެކި މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ.

މެސީ އަންނަނީ މި ސީޒަންގައި ޕީއެސްޖީ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕީއެސްޖީން ކުޅުނު 18 މެޗުގައި އޭނާ ވަނީ 12 ގޯލް ޖަހައި 14 ގޯލް ޖަހައި ދިނުމަށް އެހީތެރިވެދީފައެވެ.

އާޖެންޓީނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޑި މާރިއާ އާއި ޕައުލޯ ޑިބާލާ ވެސް ހުރީ އަނިޔާގައެވެ. އަދި އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ވެސް ހުރީ އަނިޔާގައެވެ.