ވޯލްޑް ކަޕް 2022 ކާމިޔާބު ކުރަން އާޖެންޓީނާ އަށް ކޮންމެހެން މަޖުބޫރެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ އޮތީ ގްރޫޕް ސީގައެވެ. އެ ގްރޫޕުގައި ހިމެނެނީ އާޖެންޓީނާގެ އިތުރުން ސައުދީ އަރަބިއްޔާ، މެކްސިކޯ އަދި ޕޮލޭންޑެވެ. ގްރޫޕު ސީގެ ފުރަތަމަ މެޗަކީ އާޖެންޓީނާއާއި ސައުދީ ބައްދަލުކުރާ މެޗެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނެފައިވަނީ އާޖެންޓީނާ ކަހަލަ ވަރުގަދަ ޓީމެއްގެ ކޯޗެއްގެ މަގާމުގައި ހުރުމުން އަބަދު ވެސް އުފުލޭނީ ޕްރެޝަރު ކަމަށާއި ބޭނުންވާ ގޮތަށް ނަތީޖާ ނުނެރެވިއްޖެނަމަ، އެކަން ހިނގާނެ ގޮތް ވެސް އެނގޭ ކަމަށެވެ.

އޭނާ ބުނެފައިވަނީ އާޖެންޓީނާގެ ކޯޗުގެ މަގާމަށް ގޮސްފައިވަނީ ކަންކަން އެނގިގެން ކަމަށެވެ.

"އެއްވެސް ހާލެއްގައި ވޯލްޑް ކަޕެއް ހޯދުމަކީ އަޅުގަނޑުމެންނަށް ކޮންމެހެން މަޖުބޫރު ކަމެއް ނޫން. އެކަން އެގޮތަށް ގަބޫލު ކުރާ ނަމަ އެއީ ގޯހެއް" އޭނާ ބުންޏެވެ.

އޭނާ ބުނެފައިވަނީ އާޖެންޓީނާގެ މިހާރު އޮތް ސްކޮޑާ އެކީ ވޯލްޑް ކަޕުގެ ރަނގަޅު ޓީމުތަކާ ވާދަ ކުރާނެ ކަމަށެވެ. އަދި މި މުބާރާތުގައި ހިތްހަމަ ޖެހިގެން ކުޅެ، ބެލުންތެރިން ވެސް ބަލާހިތުން ބަލާނެ ކަހަލަ ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.

އާޖެންޓީނާ މިހާތަނަށް 13 ފަހަރު ވޯލްޑް ކަޕްގައި ކުޅެފައިވާއިރު، އެޓީމަށް މުބާރާތް ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެފަހަރުއެވެ. އެއީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުއެވެ. މިފަހަރުގެ މުބާރާތަކީ އެޓީމުގެ ކެޕްޓަން، ލިއޮނަލް މެސީގެ ފަހު މުބާރާތް ކަމުން ގިނަ ބެލުންތެރިން ތިބީ މި މުބާރާތުގައި އެޓީމު ތަށި އުފުލާނެ ކަމުގެ ފޮނި އުއްމީދެއްގައެވެ.

އާޖެންޓީނާއާއި ސައުދީ އަރަބިޔާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ.