ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކުން 4-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ.

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލެރޯއީ ސާނޭ އާއި ސާޖް ނެބްރީ ކާމިޔާބުކުރި ލަނޑުތަކާއެކު ބަޔާނުން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. ބަޔާންގެ ފުރަތަމަ ލަނޑު، 28 ވަނަ މިނެޓުގައި އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ދިން ޕާހަކުން ސާނޭ ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓުފަހުން ޖަމާލް މުސިއާލާ ދިން ބޯޅައަކުން ނެބްރީ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަރަކަށް މިނެޓުގެ ތެރޭގައި ޔުނައިޓެޑްގެ ޑެންމާކް ފޯވާޑް، ރަސްމުސް ހޮއިލުންޑް ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު، އޭގެ ހަތަރު މިނެޓުފަހުން، މެޗުގެ 53 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން ޔުނައިޓެޑްގެ މިޑްފީލްޑަރު، ކްރިސްޓިއަން އެރިކްސަން އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ދިން ޕެނަލްޓީއަކުން ކޭން ވަނީ ބަޔާންގެ ދެ ލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ. މިއީ ބަޔާނަށް ކުޅެދިން ފަސް މެޗުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.

މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯ ވަނީ އެ ޓީމަށް ލަނޑެއްޖަހައިދީ އަނެއްކާވެސް ފަރަގު ކުޑަކޮށްފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ބަޔާންގެ ޒުވާން ފޯވާޑް، މަތީސް ޓެލް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ފަހުބައިގައި ކަސެމީރޯ ވަނީ އިތުރު ލަނޑެއްޖަހައިދީ ޔުނައިޓެޑަށް އަނެއްކާވެސް ފަރަގު ކުޑަކޮށްދީފައެވެ.

ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުން ތުރުކީގެ ގަލަތަސާރާގެ ދަނޑުގައި އެ ޓީމު ވަނީ 2-2 އިން ޑެންމާކްގެ އެފްސީ ކޯޕަންހޭގަންއާ އެއްވަރުވެފައެވެ.

މި މުބާރާތުގައި ރޭ ގްރޫޕް ޑީ ގައި ހިމެނޭ އިންޓަ ވަނީ ރަށުން ބޭރުގައި 1-1 އިން ސޮސިއެޑާޑްއާ އެއްވަރުވެފައެވެ. މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ސޮސިއެޑާޑް ލީޑްނަގައިދިނީ ބްރައިސް މެންޑޭޒް އެވެ. މިއީ އިންޓަގެ ޑިފެންޑަރު، އަލެސަންދްރޯ ބަސްޓޯނީ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާނަގައި މެންޑޭޒް ކާމިޔާބުކުރި ގޯލެކެވެ.

އިންޓަ އިން އެއްވަރުކުރި ލަނޑު، 87 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން، ލަޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިނީ ޑެވިޑޭ ފްރަޓޭސީ ދިން ބޯޅައަކުންނެވެ.

އިންޓަ އާއި ސޮސިއެޑާޑް އާއެކު ގްރޫޕް ޑީ ގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުން އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް ވަނީ ރަށުން ބޭރުގައި 2-0 އިން ޕޯޗުގަލްގެ ބެންފީކާ ބަލިކޮށްފައެވެ.