އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އޮޑެގާޑް، 24، އާސެނަލް އަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުން ބަދަލުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ގާތްގަނޑަކަށް 30 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. އޭގެކުރީ ސީޒަނުގައި އޮޑެގާޑް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލަށް ކުޅެފައެވެ.

"އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަކީ އަހަރެންނަށް ވަރަށް ފަސޭހަ ނިންމުމެއް، މިކަން މި ކުރީ ވަރަށް ގިނަ ސަބަބުތަކާ ހުރެ." އޮޑެގާޑް ބުންޏެވެ.

އޮޑެގާޑް ބުނީ، އެ ކްލަބުގެ އޮތް ޕްރޮޖެކްޓް އަކީ ވަރަށް ހާއްސަ މަސައްކަތެއް ކަމަށާއި، އޭގައި ފުރިހަމަ އަށް ބައިވެރިވާން އޭނާ ބޭނުންވާ ކަމަށެވެ.

"މި ކްލަބާއެކު އޮތް މުސްތަގުބަލާ މެދު އަހަރެން ވަރަށް ބޮޑަށް އުފާވޭ. މިއީ އަހަރެންގެ ހިތުން ހާއްސަ ޖާގައެއް ލިބިފައިވާ ކްލަބެއް. މި ކްލަބު ސިފަވަނީ އަހަރެންގެ 'ހޯމް' އެއްގެ ގޮތުގަ." އޮޑެގާޑް ބުންޏެވެ.

އޮޑެގާޑް، އާސެނަލް އާއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމުން ކޯޗު އާޓޭޓާ ބުނީ، މިއީ އެ ކްލަބާ ގުޅިފައިވާ އެންމެންނަށް ވެސް ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.

ނިމިދިޔަ ސީޒަނުގައި އާސެނަލުން ޕްރިމިއާ ލީގުގައި ކުޅުނު ހުރިހާ މެޗެއްގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ބާކީ ހުރިހާ މެޗެއްގައި ކުޅެފައިވާ އޮޑެގާޑް ވަނީ އަހަރުތަކަކަށްފަހު ކޯޗު މިކޭލް އާޓޭޓާ އާއެކު އެ ޓީމުން ލީގު ރޭހުގައި ވާދަކުރިއިރު މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ގޮތުން، އެ ޓީމުން ހަ އަހަރަށްފަހު ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ، ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް އޮޑެގާޑްގެ ދައުރު ބޮޑެވެ.

މީގެއިތުރުން، މި ފަހަރުގެ ސީޒަނުގައި މިހާތަނަށްއައިއިރު ކުޅުނު ހަތް މެޗުގައި ތިން ލަނޑުޖަހައިފައިވާއިރު، މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅެވުނު ޗެމްޕިއަންސް ލީގުގެ މެޗުގައި ޕީއެސްވީ އެއިންދޯވަން އަތުން 4-0 އިން އާސެނަލް މޮޅުވިއިރު އޮޑެގާޑް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްފައެވެ.