2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކަށްފަހު ފްރާންސާއި، ބެލްޖިއަމް އަދި ޕޯޗުގަލް އެ މުބާރާތަށް ކޮލިފައިވެއްޖެއެވެ.

ނެދަލެންޑްސްގެ ދަނޑުގައި ފްރާންސް މޮޅުވީ 2-1 އިންނެވެ. ސްލޮވޭކިއާ އަތުން އަމިއްލަ ދަނޑުގައި 3-2 އިން ޕޯޗުގަލް މޮޅުވިއިރު، އޮސްޓްރިއާގެ ދަނޑުގައި ބެލްޖިއަމް މޮޅުވީ ވެސް 3-2 އިންނެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް ބީ ގައި ފްރާންސް އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ގްރީސް އަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ނެދަލެންޑްސް ތިނެއްގައި އޮތީ ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި އަޔަލެންޑް އޮތީ ހަ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ޖިބްރާލްޓާ އަށް ފަސް މެޗުން އަދި ޕޮއިންޓެއްނުލިބެއެވެ.

ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މެޗުގައި ފްރާންސުން ލީޑްނެގީ ހަތްވަނަ މިނެޓުގައި ޖޮނަތަން ކްލައުސް ނެގި ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމުގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް އޭނާ ޖަހައިދިން 41 ވަނަ ލަނޑެވެ.

ބެލްޖިއަމްއާ އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން. --

ދެވަނަ ހާފުގެ ކުރީކޮޅު ފްރާންސްގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް އެމްބާޕޭ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެމްބާޕޭ މި ލަނޑުޖެހީ އެޑްރިއެން ރަބިއޯ ދިން ބޯޅައަކުންނެވެ. އޭގެ ދެ މިނެޓުފަހުން، ނެދަލެންޑްސްގެ ފޯވާޑް، ޑޮންޔެލް މަލެން ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ނެދަލެންޑްސްގެ ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ކިލިންޑްޝީ ހާޓްމަން އެވެ. މިއީ އެ ޓީމުގެ ފޯވާޑް، ސްޓީވެން ބާގްވިން ދިން ބޯޅައަކުން ހާޓްމަން ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގައި ހިމެނޭ ގްރީސް އިން ވަނީ ރޭ ރަށުން ބޭރުގައި 2-0 އިން އަޔަލެންޑް ބަލިކޮށްފައެވެ. މިއާއެކު، އަޔަލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ދެކެމުން އަންނަ ހުވަފެންތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

ޕޯޗުގަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހިި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީގެތެރެއިން އެއް ގޯލް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ގޮންކާލޯ ރާމޯސް އެވެ. ސްލޮވޭކިއާގެ ލަނޑުތައް ޖަހައިދިނީ ޑޭވިޑް ހެންކޯ އާއި ސްޓަނިސްލާވް ލޮބޮޓްކާ އެވެ.

ސްލޮވޭކިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފާ ފާޅުކުރަނީ. --

ޕޯޗުގަލް ހިމެނޭ ގްރޫޕް ޖޭ ގައި ބާކީ ތިން މެޗު އޮއްވަ، އެ ޓީމުން އަންނަ އަހަރުގެ މުބާރާތުން ޖާގަ ހޯދީ ހަތް މެޗުން ލިބުނު 21 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސްލޮވޭކިއާ އޮތީ ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތް ލަގްޒެމްބޯގް އަށް ހަތް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ބޮސްނިއާ އެންޑް ހާޒެގޮވީނާ އަށް ހަތް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ފަސްވަނައިގައި އައިސްލެންޑް އޮތީ ހަތް މެޗުން ހަތް ޕޮއިންޓް ލިބިގެންނެވެ. އެންމެ ފުލުގައި އޮތް ލީޗްޓެންސްޓެއިން އަށް ޕޮއިންޓެއް ނުލިބެއެވެ.

އޮސްޓްރިއާގެ އާންސްޓް-ހަޕެލް-ސްޓޭޑިއޯންގައި ރޭ ކުޅުނު މެޗުގައި ބެލްޖިއަމް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޑޯޑީ ލުކެބާކިއޯ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ރޮމެލޫ ލުކާކޫ އެވެ. އޮސްޓްރިއާގެ ލަނޑުތައް ޖެހީ ކޮންރެޑް ލައިމާ އާއި މާސެލް ސަބިޓްޒާ އެވެ. މި މެޗުގެ 78 ވަނަ މިނެޓުގައި ބެލްޖިއަމްގެ މިޑްފީލްޑަރު، އަމަޑޫ އޮނާނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ފަހުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފްގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ބެލްޖިއަމް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް އޮސްޓްރިއާ އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ސްވިޑެން ތިންވަނައިގައި އޮތީ ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ހަތަރެއްގައި އޮތް އަޒަރްބައިޖާން އަށް ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެސްޓޯނިއާ އެންމެ ފުލުގައި އޮތީ ހަ މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެވެ.

ކިޔުންތެރިންގެ ހިޔާލު