މި ސީޒަނަށް ކުރެވުނު އުއްމީދުތަކާ އެއްވަރަށް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ ކުޅެފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އޮނާނާ އަށް އަދިވެސް ފުރިހަމައަށް އޭނާގެ އިތުބާރު އޮންނާނެ ކަމަށް ޓެން ހާގް ވަނީ ބުނެފައެވެ.

"އޭނާ އަށް އެނގޭނެ [އޭނާގެ ކުޅުން އެހައި ރަނގަޅެއް ނޫންކަން]، އަހަރެމެންނަށް ވެސް އެނގޭ އޭނާ އަށް އެއަށްވުރެ ރަނގަޅަށް ކުޅެވޭނެކަން. ޕްރިމިއާ ލީގަށް އަލަށް އަންނަ ކޮންމެ ކުޅުންތެރިއަކަށް ވެސް ހޭނެން މުއްދަތެއް ބޭނުންވޭ،" ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ، ޔުނައިޓެޑަށް މިހާތަނަށް ކުޅެފައިވާ އެންމެ މޮޅު ގޯލްކީޕަރުންކަމަށްވާ، ޕީޓާ ޝުމައިކަލް އާއި ޑޭވިޑް ޑެ ހެއާ ފަދަ ކުޅުންތެރިން ވެސް ޕްރިމިއާ ލީގަށް ހޭނެން ވަގުތު ނަގާފައިވާ ކަމަށެވެ. އަދި މާޒީގައި ހިނގާފައިވާ ކަންތައްތަކަށް ވިސްނާލުމުން އޮނާނާ މިހާރު ހުރި ހާލަތަށް އޭގެއިން ފައިދާ ކުރާނެ ކަމަށެވެ.

"އޭނާގެ މުސްތަގުބަލަށްޓަކައި ކުރިއަށް އޮތް ތަނުގައި ޕާފޯމަންސް ރަނގަޅު ކުރަން ޖެހޭނެ، އަހަރެންނަށް ޔަގީން އެކަން އޭނާ ކުރާނެކަން،"

"ބާސެލޯނާ އާއި އަޔެކްސްގެ އިތުރުން އިންޓަ މިލާންގައި އޭނާ ވަނީ އެކަން ސާބިތުކޮށްދީފަ، އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ އާއި ފައިނަލްގައި ރަނގަޅަށް ކުޅެފަ. އޭނާގެ ޕާފޯމަންސް ރަނގަޅު ކުރާނެކަން ޔަގީން." ޓެން ހާގް ބުންޏެވެ.

މާދަމާ ރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ޓެން ހާގް ބުނީ، ދެން އަލުން ފަށައިގަނެވެން ނެތް ކަމަށާއި، އެހެންނަމަވެސް ޓީމުގެ ޑްރެސިންގ ރޫމް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.

ޓެން ހާގް ބުނީ، ޓީމުގެ އެންމެން ތިބީ މެޗުތައް ކާމިޔާބުކުރުމަށް އަޒުމް ކަނޑައަޅައިގެން، އެކަން ކުރަން ތައްޔާރަށް ކަމަށެވެ. މިހާތަނަށް އެ މަންޒަރު ފެނިގެންގޮސްފައިވާ ކަމަށާއި، ފިޒިކަލީ އަދި މެންޓަލީ ވެސް ޓީމު މިހާރު ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު