ފޮޓޯއިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 އިން ފުލަމް ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާ އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އެއްވަނައިގައި އޮތީ ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ސިޓީއާ އެއްވަރަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އާސެނަލް އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި ލިވަޕޫލް އޮތީ ނުވަ މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ.

ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން، ސޮން ހެއުން-މިން އެވެ. ސޮން މި ލަނޑުޖެހީ ރިޗާލިސަން ދިން ބޯޅައަކުންނެވެ.

މި މެޗުގައި ޓޮޓެންހަމުން ޖެހި ދެވަނަ ލަނޑު، 54 ވަނަ މިނެޓުގައި ސޮން ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަން އެވެ.

ފުލަމް އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޖޯ ޕަޅީނިއާ ބޮލުން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު، ގުގްލިއެލްމޯ ވިކާރިއޯ ވަނީ މަތަކޮށްފައެވެ.

ލީގުގައި ޓޮޓެންހަމަށް ދެން އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ބައްދަލުކުރާ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު