މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި ނެދަލެންޑްސް އަތުން 309 ލަނޑުން އޮސްޓްރޭލިއާ މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ދެ މެޗުން ބަލިވި އޮސްޓްރޭލިއާ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ތިންވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ ނެދަލެންޑްސް ބަލިވި ހަތަރުވަނަ މެޗެވެ. އަދި މިއީ އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި އޮސްޓްރޭލިއާގެ އެންމެ ބޮޑު މޮޅުވެސްމެއެވެ.

މި ނަތީޖާއާއެކު އޮސްޓްރޭލިއާ އަދިވެސް އޮތީ ހަތަރުވަނައިގައެވެ. އެއީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ނެދަލެންޑްސް އަށް ފަސް މެޗުން ލިބުނު ދެ ޕޮއިންޓާއެކު އޮތީ 10 ވަނައިގައެވެ.

ނެދަލެންޑްސްގެ ކުޅުންތެރިއަކު ނުބައިވުމުން މާޔޫސްވެފަ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

ލީގު ބުރުގެ ތާވަލްގެ އެއްވަނައިގައި އުޅޭ އިންޑިއާ އަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ދެކުނު އެފްރިކާ އޮތީ ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި ނިއު ޒީލެންޑް އޮތީ ނެޓް ރަން ރޭޓުންނެވެ.

ދިއްލީގައި ހުންނަ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި 8 ވިކެޓަށް 399 ލަނޑުހެދިއެވެ.

މި އިނިންގްސްގައި އޮސްޓްރޭލިއާ އިން އެންމެ މޮޅަށް ކުޅުނު ގްލެން މެކްސްވެލް ވަނީ 44 ބޯޅައިން 106 ލަނޑު ހަދައިފައެވެ. އޭނާ ވަނީ މި މެޗުގައި 40 ބޯޅައިން ހެދި ސައްތައާއެކު ކްރިކެޓް ވޯލްޑް ކަޕްގައި ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ އެ މުބާރާތުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ އަވަސް ސައްތައެވެ. އޮސްޓްރޭލިއާ އިން ދެން އެންމެ ރަނގަޅަށް ކުޅުނު ޑޭވިޑް ވޯނާ 104 ލަނޑުހެދިއިރު، ސްޓީވެން ސްމިތު 71 ލަނޑު ހެދިއެވެ. މީގެއިތުރުން، 47 ބޯޅައިން 62 ލަނޑު ހެދި މާނުސް ލަބުޝާނޭގެ ކުޅުން ފާހަގަކޮށްލެވުނެވެ. ނެދަލެންޑްސް އިން އެންމެ ރަނގަޅަށް އުކި ލޯގަން ވެން ބީކް ހަތަރު ވިކެޓްނެގިއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގްލެން މެކްސްވެލް ޓްރޮފީއާއެކު. --ފޮޓޯ: އައިސީސީ / ގެޓީ އިމޭޖަސް

ޖަވާބުގައި ކުޅެން އެރި ނެދަލެންޑްސްގެ ހުރިހާ ކުޅުންތެރިން 21 އޯވަރުގެ ތެރޭގައި ނުބައިވީ އެންމެ 90 ލަނޑަށެވެ. މިހާ ދަށް ސްކޯ އަކަށް ނެދަލެންޑްސްގެ ކުޅުންތެރިން ނުބައިކޮށްލުމުގައި އޮސްޓްރޭލިއާގެ އުކުންތެރިޔާ، އެޑަމް ޒަމްޕާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ތިން އޯވަރުގެ ތެރޭގައި 8 ލަނޑަށް ހަތަރު ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކީ މިޗޭލް މާޝް އެވެ. މާޝް ވަނީ ދެ ވިކެޓްނަގައިފައެވެ.

ނެދަލެންޑްސް އަށް އެންމެ ގިނަ ލަނޑުހަދައިދިން ވިކްރަމްޖީތު ސިންގ ނުބައިވީ 25 ލަނޑަށެވެ. ދެން ކިރިޔާވެސް ހިތްވަރެއް ކުރެވުނު ތޭޖާ ނިދަމަނުރޫ 14 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން ސްކޮޓް އެޑްވާޑްސް ވަނީ ނުބައިނުވެ 22 ބޯޅައިން 12 ލަނޑު ހަދައިފައެވެ.

މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އިންގްލެންޑް ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.