އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވުލްވްސް އަތުން 2-1 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.

މި މެޗުން ޓޮޓެންހަމް މޮޅުވިނަމަ، އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް ވުރެ ވަގުތީގޮތުން ކުރިއަށް ޖެހިލެވޭނެ އެވެ. އެކަމަކު، މި މެޗު ބަލިވުމުން ޓޮޓެންހަމް އޮތީ ދެވަނައިގައެވެ.

ލީގުގެ އެއްވަނައިގައި އޮތް ސިޓީ އަށް 11 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ދެވަނައިގައި އޮތީ 12 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެވެ. ތިނެއްގައި ލިވަޕޫލް އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. އާސެނަލަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ.

ޓޮޓެންހަމުން މިއަދުގެ މެޗަށް ނިކުތްއިރު އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވެއެވެ. އެގޮތުން، މިވަގުތު އެ ޓީމުގެ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި؛ ޖޭމްސް މެޑިސަނ އާއި ރިޗާލިސަން އަދި މިކީ ވެން ޑެ ވެން ހިމެނެއެވެ. އަދި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ކުޅުންތެރިންނަކީ އިޔެނޯމާ އުޑޯގީ އާއި ކްރިސްޓިއަން ރޮމޭރޯ އެވެ.

ވުލްވްސްގެ މާރިއޯ ލެމީނާ (ކ) ޓޮޓެންހަމްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ޓޮޓެންހަމުން ބޯޅަ ގެންގުޅެފައިވީނަމަވެސް، ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލައިފައިވަނީ ވުލްވްސް އިންނެވެ.

މި މެޗުގެ ތިންވަނަ މިނެޓުގައި ޓޮޓެންހަމުން ލީޑްނެގީ ބްރެނާން ޖޯންސަން އެވެ. މިއީ އެ ޓީމުގެ ފުލްބެކް ޕެޑްރޯ ޕޯރޯ ނެގި ހުރަހަކުން ޖޯންސަން ކާމިޔާބުކުރި ގޯލެކެވެ.

މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް ވުލްވްސް އިން އެއްވަރުކުރި ލަނޑުޖެހީ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕަބްލޯ ސަރާބިއާ އެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައި ވުލްވްސް މޮޅުވި ލަނޑުޖަހައިދިނީ މާރިއޯ ލެމީނާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ސަރާބިއާ އެވެ. އޭނާ ކުޅެން ނިކުތީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު