އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް 0-3 އިން ބަލިކޮށް، ލިވަޕޫލުން އަލުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

މިއީ އަމިއްލަ ދަނޑުގައި ލިވަޕޫލުން ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗެވެ. މިއާއެކު، ލިވަޕޫލުން ވަނީ އެންފީލްޑްގައި މޮޅުވުމުގެ ސައްތައިން ސައްތައިގެ ރެކޯޑު ދަމަހައްޓައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އާސެނަލްގެ ދަނޑުގައި އެ ޓީމު 3-1 އިން ބާންލީ ބަލިކޮށް ވަނީ ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. ލިވަޕޫލުން ރޭގެ މެޗަށްފަހު 27 ޕޮއިންޓް ހަމަކޮށް، ފައިދާ ގޯލްގެ ތަފާތުން ވަނީ އާސެނަލްގެ ކުރިއަށް ޖެހިލާފައެވެ. އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 12 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 12 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެވެ. މިއީ އެ ޓީމުގެ އުރުގުއޭ ފޯވާޑް، ޑާވިން ނޫނޭޒް ދިން ޕާހަކުން ސަލާހު ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ސަލާހު އެވެ. ސަލާހު މި ލަނޑުޖެހީ އެ ޓީމުގެ ގްރީސް ފުލްބެކް، ކޮސްޓާސް ސިމިކާސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ގޯލާއެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ. މީގެއިތުރުން، މިއީ އިނގިރޭސި ފުޓްބޯޅައިގައި ސަލާހު ކާމިޔާބުކުރި 200 ވަނަ ގޯލެވެ. އަދި މި ފަހަރުގެ ލީގުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލްގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޔޮޓާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސިމިކާސް އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ވަނީ 3-1 އިން ފުލަމް ބަލިކޮށްފައެވެ. ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމުން 3-2 އިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވިއިރު، ބްރައިޓަންގެ ދަނޑުގައި ވަނީ 1-1 އިން ޝެފިލްޑް ޔުނައިޓެޑާ އެއްވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު