ރާއްޖެއަށް 39 އެއާލައިންއަކުން ދަތުރު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ވަނީ 39 އަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނު އިރުގައި މި އަދަދު ހުރީ 36 ގައެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނައިން ދަތުރުތައް ބާއްވަމުންދާ ސަރަހައްދަކީ ޔޫރަޕާއި މެދުއިރުމައްޗެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މެދު އިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ނުވަ އެއާލައިނެއް މިހާރު ރާއްޖެއަށް ދަތުރުކުރަމުން ދެއެވެ.

އަދި އިންޑިއާގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަމުން ދާއިރު ޗައިނާގެ ވެސް ތިން އެއާލައިނެއް ރާއްޖެއަސް ދަތުރުތައް ދަނީ ކުރަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕް ބައްރުގެ ބޮޑު ހަތް އެއާލައިނަކުން ވެސް މިހާރު ރާއްޖެއަށް ދަތުރުކުރެއެވެ.

އެންމެ ފަހުން ރާއްޖެއަށް ދަތުރުތައް ފަށާފައި ވަނީ ޗައިނާގެ އީސްޓާން އެއާލައިނުންނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް މިދިޔަ އަހަރު މެދުކަނޑާލުމަށް އަލުން މިހާރު ދަތުރުތައް ފެށީއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 576،952 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 505،083 ޓޫރިސްޓުންނާ އަޅާ ބަލާއިރު އިތުރުވުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު