ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކޮށް އެއަރޕޯޓްގެ ވަސީލަތްތައް ފުރިހަމަކޮށް، އެސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި، 50 ކޮޓަރީގެ އެއަރޕޯޓް ހޮޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ އީއޯއައި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ

މި ފުރުސަތަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެެކެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން ދެ ފަރާތައްވެސް ފައިދާވާނެ އުފެއްދުންތެރި ވިޔަފާރި މޮޑެލްއެއްގައި ވިޔަފާރި ޕްލޭނެއް އެކުލަވާލައި އެކުންފުންޏާއި ހިއްސާކުރުމަށް އެދޭ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހޮޓެލް ޑިވެލޮޕްމަންޓް ނަމުގައެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު