ގިނަ ފަތުރުވެރިންނާ އެއްކޮށް ރާއްޖެއަށް އިތުރު ކްރޫޒްލައިނާއެއް އަތުވެއްޖެއެވެ.

މި އަހަރުގެ 8 ވަނަ ކްރޫޒްލައިނާ އައީ އިޓަލިންނެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ މާލޭގައި މިހާރު ބަނދަރުކޮށްފައި އޮތް "އެމްއެސް އައިޑަބެލާ" 2،148 ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ.

މެލޭޝިއާއިން ފުރައިގެން އެ އުޅަނދު މާލެ އައީ ހެނދުނު 6:30 އެހާކަށްހާ އިރުއެވެ. "އެމްއެސް އައިޑަބެލާ" މާލޭގައި ދެ ދުވަސް މަޑުކުރަން ހަމަޖެހިފައިވާ އިރު ކްރޫޒްލައިނާ އިން ޓޫރިސްޓުން މާލެ ފައިބާފައިވެ އެވެ.

މާޔާ އިން ބުނީ މި މަހުގެ ތެރޭގައި އިތުރު ތިން ކްރޫޒްލައިނާ މާލެ އަންނަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާތަނަށް ހަ ލައްކަައަށް ވުރެެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އިއްޔެ އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް 637،773 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނައީ ޗައިނާ ފަތުރުވެރިންނެެވެ. ޗައިނާއިން އެކަނި 70،394 ފަތުރުވެރިން އައިސްފައި ވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 560،995 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާކިޔާއިރު ދަށް ވެފައެވެ. އެގޮތުން މި މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް 33،769 ފަތުރުވެރިން ރާއްޖެ އައި ކަަމަށް ދައްކާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 37،067 ފަތުރުވެރިންނެވެ. މިއީ %8ގެ ދަށްވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ވަނީ 64،896 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް އައިސްފައިވެއެވެ. ތިން ވަނައިގައި އޮތް އިނގެރޭސި ވިލާތުން ރާއްޖެއަށް 64،037 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް އައިސްފައިވަނީ 59،763 ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު