ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީ ލަންކާގެ ކޮލަމްބޯގެ ބަންޑާރަ ނައިކް އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އަލުން ދަތުރުތައް ފަށައިފިއެވެ.

މިރޭ 20:09ގައި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް 150 ފަސެންޖަރުންނާއެކު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާފައެވެ. މި ދަތުރުތައް ފައްޓަވާ ދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.

މޯލްޑިވިއަން އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މިއަދުން ފެށިގެން މި ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި އޮންނައިރު، އެ ފްލައިޓްތަކުގައި ދަތުރުކުރާ ފަރާތްތަކުގެ ބެޖެޓް އެލަވެންސްގެ ގޮތުގައި 30 ކިލޯ އަދި މީލް ފެކޭޖެއްވެސް ލިބިގެން ދާނެއެވެ.

ލަންކާއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީއަށް ދާ އެއް ގައުމެވެ. ހާއްސަކޮށް ހަފްތާ ބަންދުގައި މިފަދަ ދަތުރުތައް ފެށުމުން، އެ ގައުމަށް ޗުއްޓީއަށް ނޫނީ ވިޔަފާރީގެ ބޭނުމަށާއި، ސިއްހީ ކަންކަމަށް ދާ މީހުންގެ އަދަދުތައް އިތުރުވާނެއެވެ.

މޯލްޑިވިއަން އިން ކޮލްމްބޯއަށް ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓް ފެށޭ އަގަކީ 165 ޑޮލަރެވެ.

މޯލްޑިވިއަން އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 19:35 އެވެ. އަދި ކޮލަމްބޯއިން ވެލާނާ އެއާޕޯޓަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ދެ ދުވަހުގެ ރޭގަނޑު 22:35 އެވެ.

މޯލްޑިވިއަންއިން ވިދާޅުވިގޮތުގައި އެ އެއާލައިނުން ކޮލަންބޯއަށް ދަތުރުކުރާ ފަރާތްތަކަށް ނަވާލޮކާ ހޮސްޕިޓަލުން ހާއްސަ ހިދުމަތްތަކެއް ލިބޭނެއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި މެޑިކަލް ހެއްދޭއިރު، ބަރުދަން ބެލުމަށާއި ވިޝަން ޓެސްޓުވެސް ހެއްދޭނެއެވެ. އަދި ދަތް ދެއްކުމާއި ޑައިޓިޝަނަކަށް ދެއްކުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ލެބޯޓްރީ ޓެސްޓުތަކުން 15 އިންސައްތަ ޑިސްކައުންޓާއި އެކްސްރޭއިން ފަސް އިންސައްތަ ޑިސްކައުންޓް ލިބޭއިރު، ސްޕެޝަލް ޑިސްކައުންޓެޑް ހެލްތް ސްކްރީނިންގ ޕެކޭޖްގެ ހިދުމަތް ވެސް ލިބޭނެއެެވެ.

މޯލްޑިވިއަން އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މި ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 ގެ މަތިންދާ ބޯޓެވެ.

މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް މި ދަތުރުތަކުގެ ޓިކެޓް ނަގާ ބުކް ކުރެވޭނެއެވެ. އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށް ވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެއެވެ.

މޯލްޑިވިއަނުން ދަނީ އެ އެއާލުން ދަތުރުކުރަމުންދާ މަންޒިލްތައް އިތުރުކުރަމުން އަދި އޭގެ އިތުރުން މިހާރު އުދުހެމުންދާ މަންޒިލްތަކަށް ހާއްސަ ޕެކޭޖްތައް ވެސް ތައާރަފްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަންމާހު

    165 އަށް ލިބޭ ފެއާ އެއް ނުފެނޭ އެޕަކުން، ކޮންމެ ފޮލައިޓަކުން 5 ގޮނޑި އަގުހެޔޮކޮށް ވިއްކާފަ ދެން ބާކީ ހުންނަ ގޮނޑިތައް ހުރީ 310 ޑޮލަރަށް. ދައްކާ މަންޒަރާ އަޑާ ދިމާ ނުވޭ، ދޮލަންގު ބޯމައްޗަށް ލީމަ އެތެރޭގަ ވާ އެއްޗެއް އިސްކޮޅުން ކުރު މީހުންނަކަށް ނުފެންނާނެ