އަހަރު ނިމެން ކައިރިވެފައިވާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތާނގެ އޮކިއުޕެންސީ ރޭޓް ހުރީ 63 އިންސައްތައިގައި ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ޓުއަރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ހުރީ 63 އިންސައްތައިގައެވެ. އަދި މިއަހަރު ފެށުނު އިރު 74 އިންސައްތައިގައި އޮކިއުޕެންސީ ރޭޓް ހުރި އިރު އެ އޮކިއުޕެންސީ ރޭޓް އެންމެ ދަށްވެފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.

ޓުރަރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހާއި ހަމައަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 6،270،380 ދުވަހެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މި މުއްދަތުގައި ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ 4 ނުވަތަ 5 ދުވަހެވެ.

އަދި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 872،839 މީހުން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 9.1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުގައިވާ ގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް 123،992 މީހުން އައިސްފައިވެއެވެ. އަދި މިއީ ނިމިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެ އައި 121،310 މީހުންނާއި އަޅާ ބަލާއިރު 2.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެ ހަމައެކަނި ގޮތަކީ އެއާޕޯރޓް ބޮޑު ކުރުން. އެހެންނޫނީ 1.3 ގައި ތަންހަރު ވެފައި އޮކިއުޕަންސީ ރޭޓް ދާނީ ދަށަށް