ރަސްމީ ދަތުރުފުޅެއްގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.

މިނިސްޓަރ އަލީ ވަހީދު ހުވަދު އަތޮޅަށް ވަޑައިގަތީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވަން ޓުއަރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށެވެ. މިނިސްޓަރުގެ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރު ފުޅެކެވެ. މި ދަތުރުގައި ހުވަދު އަތޮޅު ދެކުނުބުރިއަށާއި ހުވަދުއަތޮޅު އުތުރުބުރިއަށް ވަޑައިގަންނާނެއެވެ.

މިނިސްޓަރ އަލީ ވަހީދު ވަނީ ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫގެ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ތިނަދޫގެ ދަނޑުވެރިންނާއި ބައްދަލު ކޮށް ދަނޑުތަށް ބައްލަވާލައްވާފައެވެ. އަދި ގެސްޓް ހައުސް ވިޔަފާރި ވަރުގަދަ ކުރުމަށްޓަކައި ތިނަދޫގެ ގެސްޓް ހައުސް ވިޔަފާރިވެރިންނާއި ވެސް ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އެރަށްތަކުގެ ކައުންސިލާއި ވިޔަފާރިވެރިންގެ ހިޔާލާއި ލަފާ ހޯދުންކަމުގައެވެ. ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫ ކައުންސިލާއި މިނިސްޓަރު ބައްދަލުކުރައްވާފައި ވާއިރު، ގއ. އަތޮޅު ކައުންސިލާއި، ގއ. ވިލިނގިލީ ކައުންސިލްގެ އިތުރުން ދާއިރާގެ މަސްލަހަތުވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މިނިސްޓަރގެ މިދަތުރުފުޅުގައި ގދ. ކާނޑެއްދޫ، ގއ.ވިލިނގިލި އަދި ގއ.ކޫއްޑޫ އަށް ޒިޔާރަތް ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު