ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރާ ބޮޑު އިންޖީނުގޭގައި ބަހައްޓާ ނުވަ މެގަވޯލްޓްގެ ހަ ޖެނޭރަޓު ސައިޓަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯގެ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ދަށުން މިހާރު 9 މެގަވޯލްޓްގެ ހަ ޖަނަރޭޓަރު ރާއްޖެ ގެނެސް މިއަދުގެ ވަގުތެއްގައި ވަނީ ހުޅުމާލޭގެ ބޮޑު އިންޖީނުގެއަށް ގެންގޮސް އިންސްޓޯލް ކުރުމަށް މަސައްކަތް ފަށާފައެވެ.

ސްޓެލްކޯގެ ސީނިއާ އިންޖީނިއަރ އަބްދުލް މާލިކް ތައުފީގް ވިދާޅުވީ، މިހާރު އެ ޖެނެރޭޓަރުތައް ސައިޓަށް ގެނެވި ބެޑަށް ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖެނޭރަޓަރުތައް އިންސްޓޯލް ކުރާގޮތް ސްޓެލްކޯގެ އިސްވެރިން ބައްލަވާލައްވަނީ - ވަގުތު އިމޭޖެސް

"އިންޖީނުގެ ފައުންޑޭޝަން މަތީގައި ބޭންދުމުގެ މަސައްކަތް މިހާރު ކުރިއަށް އެދަނީ. ބޭންދުމާއެކު އަޅުގަނޑުމެން ހަމަ އިންސްޓޮލޭޝަން މަސައްކަތް ކުރިއަށްދާނެ. އިންޖީނުތައް ބެޑަށް ލުމަކީ މީގެ މިހާރު އެންމެ ކްރިޓިކަލް ކޮމްޕޮނެންޓަކަށްވެފައި އޮތީ. އެކަންތައް ނިމުމުން ވަރަށް ބާރަށް ވަަރަށް ގިނަ ކަންތައްތަކެއް އެއްފަހަރާ ކުރެވިގެންދާނެ. އޭގެ ތެރޭގައި ކޭބަލްތައް ގުޅުންވެސް ހިމެނޭ". މާލިކް ވިދާޅުވިއެވެ.

މާލިކް ވިދާޅުވީ، ސްޓެލްކޯއިން ޓާގެޓަކީ، ޖުލައި މަހުގެ ފަހުކޮޅު ޖެނެރޭޓަރުތައް އިންސްޓޯލް ކުރެވި، ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދެވިގެން ދާނެ ކަމަށެެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ކަރަންޓް ފޯރުކޮށްދޭނީ ހުޅުމާލެއަށެވެ. އޭގެ ފަހުން މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖުގެ ޒަރިއްޔާއިން މާލެއާއި ހުޅުމާލޭގެ ކަރަންޓް އެއްވިއުގައަކުން ގުޅާލާއި، އެ އިންޖީނުގެ މެދުވެރިކޮށް މާލެއަށްވެސް ކަރަންޓް ފޯރުކޮށްދޭނެއެވެ.

ޖެނޭރަޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ - ވަގުތު އިމޭޖެސް

"މި ކަނެކްޝަންގެ ބޭނުމަކީ ޔުނިފައިޑް ގްރިޑެއް ހެދުން. އޭގެ މާނައަކީ ހުރިހާ ޕަވާޕްލާންޓެއް އެއް ވިއުގާއަކުން ގުޅާލުން. ކޮންމެ ގޮތެއް ވިޔަސް އެކަމުން ރިލަޔަބިލިޓީ ހައިވެގެންދާނެ ޖެނެރޭޓަރެއްގެ މައްސަލައެއް ޖެހުނަސް. އެއީ އެހެން ދިމާލަކުން ފީޑް ކުރުމުގެ ކެެޕޭސިޓީ ހުރީމަ".މާލިކް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް އެންމެ ހާއްސަވާ އެއް ކަމަކީ މި ޕްރޮޖެކްޓަކީ ރާއްޖޭގައި ބެހެއްޓޭ އެންމެ ބޮޑު އިންޖީނުގެ ކަމަށް ވާތިއެވެ. އަދި މި އިންޖީނުގެއަކީ މިހާތަނަށް އެންމެ އަވަހަށްވެސް މަސައްކަތްކޮށް ނިންމާލެވޭނެކަމަށް ލަފާ ކުރެވޭ އިންޖީނުގެކަމަށް މާލިކް ވިދާޅުވިއެވެ.

"އާއްމުކޮށް އަޅުގަނޑުމެން އިންޖީނުގެއެއް އަޅާ ނިމެނީ ހަތަރު އަހަރުން ނުވަތަ ފަސް އަހަރުން. އެކަމަކި ޑިސެންބަރު 16 ގައި އަޅުގަނޑުމެން އަމަލީ މަސައްކަތް ފައްޓައިގަތީ. މިހިސާބަށް އައިއިރު އަޅުގަނޑުމެން 70 ޕަސެންޓް މުޅި ޕްލާންޓްެ މަސައްކަތް ވަނީ ނިމިފައި. އަދި ސިވިލް މަސައްކަތަށް ބަލާއިރު، 90 ޕަސެންޓް މަސައްކަތް ނިމިފައި". މާލިކް ވިދާޅުވިއެވެ.

ޖެނޭރަޓަރުތައް އިންސްޓޯލް ކުރާގޮތް ސްޓެލްކޯގެ އިސްވެރިން ބައްލަވާލައްވަނީ - ވަގުތު އިމޭޖެސް

އެ ޕްރޮޖެކްޓްގެ ދަށުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ގާއިމްކުރަނީ 50 މެގަވޮޓްގެ އިންޖީނުގެ އެކެވެ. އަދި 2000 މެޓްރިކް ޓަނަށް ވުރެ ގިނަ ތެޔޮ ރައްކާ ކުރާނެ ފިއުލް ފާމަކާއި ފެން އުފައްދާ ޕްލާންޓެއް ވެސް އެ މަޝްރޫއުގެ ދަށުން އެ ތަނުގައި ގާއިމްކުރާނެއެވެ.

"މިވަގުތު އިންޖީނުތައް އިންސްޓޯލް ކުރުމުގެ އިތުރުން، ފިއުލް ޓޭންކް އޭރިއާގައި ފިއުލް ބަނުމުގެ މަސައްކަތާއި، އަދި ވެސް ބޮއިލަރުތައް ބެހެއްޓުމާއި، އޮފްލޯޑިންގ މަސައްކަތާއި، އަދި އޭގެ ވޯޓާ ކޫލިންގ ނިޒާމް ހަރުކުރުމުގެ މަސައްކަތާއި، މި ހުރިހާ ކަމަކީ ވަރަށް ޓެކްނިކަލްކަލް ބޭފުޅުން ކުރާ މަސައްކަތް". މީކާއިލް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން އިފްތިތާޙްކޮށްދެއްވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ކަރަންޓް ޔަޤީން! މިމަހުގެ ކަރަންޓް ބިލް ކުރީ މަސްތަކަށްވުރެ 40 ޕަސެންޓް ކުޑަވާނެ! ފެނާ ކަރަންޓް އެހުރީ ސޭލްއަޅުވާފަ ހެޔޮ އަގުގަ! ޙަޖަމް ނުކުރެވޭ މީހުން މަގުމަތީ ފޮށާބާލައިގެން މުޒާހަރާއަށް ދުވޭ!

    • ގާދިރު

      މަގުމަތީގަސޭލްއަޅުވާފައެއޮތީ ރުބެލްގެ އަންބޮނޑިހޫން ތިއޮތީހެޔޮވެފަ ތެލުގެއަގުބޮޑުކުރީދެންތިބޭބަލަން ހެޔޮވިވަރުން ލިބޭމުސާރަކޮޅާނުބައްދަލުވެގެންދާނީ

  2. މުހައްމާ

    9 މެގަވޯލްޓްގެ ޖެނަރޭޓަރެކޭ. ހާދަ މަތީ ވޯލްޓޭޖެ.

  3. ހުމުދު

    ސާބަހޭ ހަފުސާ

  4. ނުރަބޯ

    ކެރަފާ ނަޝީދު ރައްޔިތުން ނަށް ލުއި ފަސޭހަކޮށްދޭން ކުރިކަމަކީ ކަރަންޓްބިލަށް ތެލުގެ ސާޗާޖްލުމެވެ. އެހެން ހެދުމުން ތެލުގެ އަގު ބޮޑުވި ކޮންމެފަހަރަކު ކަރަންޓްބިލަށް ދައްކަންވާ ލާރީގެ އަދަދު ބޮޑުވެގެން ދިޔައެވެ. ދެން އޭނާ ވެރިކަންކުރި ތިންއަހަރު އެއްވެސް އެއްޗެއް އަގުހެޔޮވެފައެއް ނެތެވެ.