ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާ 25 އިންސައްތަ އިތުރު ވެފައިވާކަމަށް މި އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައި ބުނެފިއެވެ.

އެސްޓީއޯގެ ވެބްސައިޓްގައި ހޯމަ ދުވަހު އާއްމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން މިދިއަ ކުއާޓަރގައި ކުންފުނީގެ ހިންގުމުގެ ޚަރަދުވެސް ވަނީ 12 މިލިއަން ރުފިޔާ ކުޑަކޮށްފައެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ މިކުއާޓަރގެ ފައިދާ 112 މިލިއަން ރުފިޔާއަށް އަރައެވެ.

ތިންވަނަ ކުއާޓަރގެ ފައިދާ އިތުރު ވެފައިވާއިރު މި އަހަރުގެ ތިން ކުއާޓަރގެ ފައިދާ އެއްކޮށްލުމުން 2018 ވަނަ އަހަރުގެ ޖުމްލަ ފައިދާއަށްވުރެ މި އަހަރުގެ ތިންކުއާޓަރއިން އެސްޓީއޯއަށް ލިބިފައިވާ ފައިދާވަނީ ގާތްގަނޑަކަށް 30 އިންސައްތަ އިތުރުވެފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯގެ ފައިދާ އިތުރުކޮށްފައި މިވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މިއަހަރުގެ މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށްފަހުކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

އެސްޓީއޯގެ އާ މެނޭޖްމަންޓުން ކުރިން ވެސް ބުނެފައި ވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެން ފައިދާ އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުހުދާ

    ތިޔައިން ރައްޔިތުންނައް ލިބުނީ ކޯންޗެއްތޯ؟ ކިހާވަރެއްތޯ؟

    4
    1