ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާ އެކު، މާލެ ސަރަހައްދުގައި ހުންނަ ބޭންކްތަކުގައި ހިދުމަތްދޭ ދުވަސްތަކަށް ވަނީ ބަދަލު އައިސްފައެވެ. ބޭންކުތަކަކީ ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދަންދާ އެއް ތަނެވެ. އެކަމަކު، ބަންދު ތިން ދުވަހަށް ފަހު، މިއަދު ބޭންކުތައް ހުޅުވާލުމާ އެކު މުޅިން ތަފާތު މަންޒަރެކެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ބްރާންޗުތަކާއި އެހެން ބައެއް ބޭންކްތަކުގައި މީހުން ތިބީ ފުނި ޖެހިފައެވެ. އެއީ އެކި ހިދުމަތް ހޯދަން ގޮސް ތިބި މީހުންނެވެ. ލޯނުތައް ފަސްކުރުން މިއަދު ހުޅުވާލުމާއި ވަރަށް ގިނަ އަމިއްލަ މީސްމީހުންގެ މުސާރަތައް ވެސް މިއަދު ޖަމާކުރަން ޖެހުމަކީ މީހުން ތޮއްޖެހުނު ދެ ސަބަބެވެ. އެކައުންޓުތައް ހުޅުވުން ފަދަ އެކިއެކި ބޭނުންތަކުގައި ބޭންކްތަކަށް ގޮސް ތިބި މީހުންގެ އަަދަދު ވެސް ވަކި މަދެއް ނޫނެވެ.

ބައެއް ބޭންކްތައް މިއަދު ހުޅުވުމުގެ އެއް ގަޑިއިރު ކުރިން، ވަނީ ކިއު ހަދަން ފަށައިފައެވެ. ތޮއްޖެހިފައިވާ ބޭންކްތަކުގެ ތެރޭގައި ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މައި އޮފީސް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް ސިލޯން ހިިމެނެއެވެ.

އެގޮތުން، ބޭންކް އޮފް ސިލޯން ކައިރީގައި މިވަގުތު ވެސް ގިނަ އަދަދެއްގެ ބިދޭސީން ސަފަކަށް އެތުރިގެން އެބަތިއްބެވެ.

މި ހުރިހާ އެންމެން ވެސް ކިއު ހަދައިގެން ތިބި ނަމަވެސް، ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ބޭންކުތަކުން ފެންނަނީ އެކަކު އަނެކަކާ ޖެހި ފިތިގެން ތިބޭ މަންޒަރެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނާއި ޑޮކްޓަރުން ގައިދުރުވާން އިރުޝާދު ދިނަސް، އެއަށް އަމަލު ކުރާ މަންޒަރެއް ނުފެނެއެވެ. ބިދޭސީންނާއި ދިވެހިން މަސްހުނިވެ، ހުމެއް، ރޯގާއެއް ނުވަތަ އެހެން ވެސް ބައްޔެއް ހުރި މީހެއް މިވަގުތު ވަތްކެއް ނުވެއެވެ. މިއީ ނުރައްކާތެރި މަންޒަރަކަށް ވުން ގާތެވެ.

އެކަމަކު، ބައެއް މީހުން މާސްކް އަޅައިގެން ތިބި މަންޒަރު ވަނީ ފެނިފައެވެ.

ސޯޝަލް ޑިސްޓެންސަކީ ދެ މީހުންގެ ދޭތެރޭގައި އެންމެ ކައިރިވެގެން ވެސް ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ. އެކަމަކު، ބޭންކްތައް ކައިރިން އެ މަންޒަރެއް އަދި ނުފެނެއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ އެޗްޕީއޭގެ އިރުޝާދަކީ ޒަރޫރީ ބޭނުމެއް ފިޔަވައި އިތުރު ބޭނުމެއްގައި އެއްވެސް މީހަކު ބޭރަށް ނުނިކުތުމެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް މަގުމައްޗަށް ނުކުތުން އެޗްޕީއޭ އިން މިހާރު ވަނީ މަނާކޮށްފައެވެ. މި އެންގުމާ ހިލަފުވާ ކޮންމެ މީހަކު 1000ރ. އިން ޖޫރިމަނާ ކުރުމަށް ފުލުހުން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަބުރު

    ކޮބާ ފުލުހުން.... މިއަދު ހަވީރު ޖޫރިމަނާ ކުރަން ވީމަ އެކަނި ނުކުމެގެން ކަމަކު ނުދާނެ

    28
  2. ބަކުރުބޭ

    ގައިގާދުރު ބައިގާކަދުރު

    11
  3. ނަޒީން

    އޮންލައިން ޕުލެޓްފޯމުތަކައް އިންވެސްޓު ނުކޮއް އުޅޭ ބޭންކުތައް މިފަހަ ރު ބަނގު ރޫޓު ވާނެ. ބީއޯސީ އަކީ ވަ ރައް ފަހަތުގައި އުޅޭ ބޭންކެއް.

  4. R4

    Mi kiaa ehcheh Ingey meehaku eba ulhey tha. 3 meehun nah vure Gina in ekuga nuthibeysho. Ekamaku Bank thah kai reega meehun queue tha dhamaa laafa. Dhen bunaane gai dhurey isthahtey. Mi noon gotheh hama netheetha mi kamah.

  5. ތަޚާނުގެ ޢަލިދީދީ

    ދިވެހިން ތަފާތުދައްކައިފި.

    6
    1
  6. ޢަލިބެ

    ބަޔަކު އެއްޗެއް ބުނެގެން ދިވެހިން އަމަލެއް ނުކުރާނެ. އިންސާނީ ޙައްޤު މިހާރު އޮންނާނީ. ކޮންމެކަމެއް ކޮންމެ ގޮތަކަށް ކުރުމަކީވެސް މިހާރު ދިވެހިންނަށް ހުއްދަކަމެއް. ކޮން ގައިދުރެއް ފައިދުރެއް ކިޔާކަށް. އިންސާނީ ޙައްޤު ބުނެދީގެން ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުކުރި މީހުންގެ ވެރިކަމުގައި އެމީހުންނަށް އެކަން މިދައްކަވަނީ. ހޭވެރިކަން ވާނީ ކޮންއިރަކުންބާ؟