ދިވެހިން ގެންނަން މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގެ ޓިކެޓް އަގުހެޔޮކުރާނެކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ "ވަގުތު"އަށް ވިދާޅުވީ، އެ ކުންފުނިން މީގެ ކުރިން ލަންކާއިން މީހުން ގެނައުމުގައި ޓިކެޓް ވިއްކި އަގާއި މެެދު ބައެއް ފަރާތްތަކަށް އޮޅުން އެރީ އެއީ އެއްކޮޅު ޓިކެޓްގެ ފެއާގައި ވިއްކާވާހަކަ ބުނުމުންކަމަށެވެ. އެހެންނަމަވެސް މޯލްޑިވިއަންއިން ވެސް ދަތުރުކުރަން ޖެހެނީ ގެއްލުން ނުވާނެ ފަދަ އަގެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބައެއްކަހަލަ ލުއިތައް މޯލްޑިވިއަންއަށް ދިނުމަށް ނިންމާފައިވާތީ، އެ އަގުތައް މުރާޖައާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މި ހަމަ ޗާރޖްކުރަން ޖެހެނީ އަޅުގަނޑުމެންނަސް ގެއްލުން ނުވާ ކޮސްޓް ޕްރައިޒެއްގައި. އެހެންވީމަ ކަންނޭނގެ ޕްރައިޒިންގެ ވާހަކަ މާބޮޑަށް ދެކެވިގެން އައީ. އަންޑަސްޓޭންޑްވޭ އެކަން. މިހާރު ބައެއް ކަންތައްތަކުން ލުއި ދެއްވާނެ ވާހަކަ ބުނެފައި ވަނީ. މިސާލަކަށް ފިއުލް. ފިއުލް އަކީ އެންމެ ބޮޑު ހަރަދު. ދެން ފިއުލްއިން ކޮންސެޝަން ދެއްވަން އެއްބަސްވެއްޖެ. މިއަދު މެލޭޝިއާ އަށް މި ލޯންޗްކުރާ ފްލައިޓްތަކަށް އެކަން އެޕްލައި ކުރާނަން." އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބޭއްވި ޗާޓާޑް ފްލައިޓުން ލަންކާ އިން މާލެ އައި މީހެއްގެ އަތުން ނަގަމުން ގެންގޮސްފައި ވަނީ 4،626 (300) ޑޮލަރެވެ.

އެއީ މިހާލަތުގައި މީހެއްގެ އަތުން ނެގޭނެ އެންމެ އެކަށީގެންވާ އަގު ކަމަށާ، ސަބަބަކީ އަލަށް ދަތުރުކުރާ ގައުމަކަށް ވުމުން ގްރައުންޑް ހޭންޑްލިންއަށް ދައްކަން ޖެހޭ ޓެކްސް އިތުރުވެގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އެއްކޮޅު ދަތުރުކަމުން، މި ދަތުރުތަކުންވެސް އެ އެއާލައިނަށް ފައިދާ ނުވުން ގާތްކަން އެ ކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.

ލަންކަގެ އިތުރު އިންޑިއާގެ ކޮޗިން އަދި މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަނުން ވަނީ ފްލައިތްތަކެއް ބާއްވަން ނިންމާފައެވެ. ކުރިއަށް އޮތްތަނުގައި އެ ފްލައިޓްތަކުގެ އަގު ކަނޑައަޅާނީ މި ފަހުން ލިބުނު ލުއިތަކަށް ބެލުމަށް ފަހުގައި ކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.

ރާއްޖެއިން ބޭރުގައި އެކި ޤައުމުތަކުގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ތިބި އިރު، އެ އާއިލާތަކަށް ނާދެވިފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެގޮތުން ބައެއް ގައުމުތަކުގައި ވަނީ ވައިގެ ބަނދަރުތައް ވަނީ ބަނދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަދުރޭ

    ސްރީލަންކަންއިންއެބަބުނޭ ތިމަންނަމެން ސިވިލްއޭވިޔޭސަނައް ދަތުރުކުރުމުގެ ހުއްދަޔައްލިޔުމުން ހުށައެޅުމުން ދަތުރުނުކުރެވޭނެކަމައް ޖަވާބުދެނީ ފޯނުންނޭ ގައިމު ސްރީލަންކަންއައް ލަންކާމާލެދަތުރުކުރާކައް އަލެއްނުވާނެ.

    10
    2
  2. ރައްޔިތު މީހާ

    މެލޭޝިއާގަ ބައެއް ހިސާބުތަކުގަ އެބަ ތިބި ވަރަށް ހާލުގަ އުޅޭ ކުދިން. ޖޮހޯރު ސްޓޭޓްގަ ބައެއް ހިސާބުގަ ގްރޭބް އެއްހާ ހިސާބުވެސް ނުލިބޭ. 1 ހަފްތާ ވަންދެން ތިބި ބައެއް ކުދިން ކިރިޔާ 1 އިރު ކައިގެން

    3
    1
  3. ރައްޔިތު މީހާ

    ކޭއެލް ގިނަ މީހުން އުޅެނީ 3 އިރު ހަމައަށް ކައިގެން ޒަރޫރީ ބޭނުންތައް ފުއްދައިގެން. ރައްޔިތުން ގެންނައިރު އެންމެ ބޭނުން ޖެހިފަ ތިބި މީހުންގެ ލިސްޓަށް ބަލައިގެންގެނައުން މުހިންމު

  4. ޢިސްމަ

    މިހާރުއެގިއްޖެ މިސަރުކާރުގެ ވިސްނުމެއްނެއްކަން ލުއިކޮމިކަންކުރަން ނާދެވިތިބިމީހުން ގެވާހަކަ

  5. ފަރީދު

    ކޮބަައިތަ ތުރަވަންތަޕުރަމް އަށް އަންނަ ފުލައިޓް ކޮން ދުވަހަ ކުން ތަ އޮއްނަނީ އަޅުގަނޑު މެން ވެސް މީ ދިވެހިން ބޭސް ފަރުވާ ވެސް ނިމިގެން ނުދެ ވިފައި ތިބޭތާ މިހާރު 3 ހަފްތާއަށް މިދަނީ

  6. ހެހެހެ

    ބުނެލަން އޮތީ ތިބޭފުޅުންގެ އެއް ވެސް މައްސަލައެއް ނެތޭ ތިބޭފުޅުންނަށްވާނީ ތިބޭފުޅުންނަށް ޤާބިލިއްޔަތު ހުރި ވަރަކުންނޭ، ކޮބާހޭ އެބޭފުޅުން ހޮވާފަ އެތަނަށް ލީ ރައްޔިތުން އެ ރައްޔިތުނަށް އެބަ އެގެންޖެހެޔޭ ތިމާ މެންގެ ކަންތަން ތަރުތީބު ކުރަން މިހަވާލު ކުރެވޭ މީހުންގެ ފެންވަރަކީ ކޮބައިކަން އަދި މީހަކު ނިކުމެ ދުނިޔޭން ބޭރަށް ގެންގޮސްދޭނަމޭ ބުނާއިރަކަށް 32 ދަތް ދައްކާފަ ގޮސް އެމީހަކަށް ގޮޑި ދިނަކަސް މިކަން ނުވާނެ ކަން.