ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށް ފިހާރަތަކުން އެއްޗިހި ލިބުން ހުއްޓިދާނެތީ، ގިނަ ބަޔަކު އެތަންތަނަށް އެއްވާން ފެށުމާއި ގުޅިގެން ގޭގަ ތިބެ ވިޔަފާރި ކުރުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަނެއްކާވެސް އިލްތިމާސް ކުރައްވައިފިއެވެ.

ކޮވިޑް-19 އަށް މާލެއިން މީހަކު ފައްސިވެފައިވާ ކަން އެޗްޕީއޭ އިން ހާމަކޮށްފައި ވަނީ މީގެ ތިން ގަޑިއިރެއްހާ އިރު ކުރިންނެވެ. އެ ކަން ރައްޔިތުންގެ ގިނަ ބަޔަކަށް އެނގުމާ އެކު، ގިނަ ބަޔަކު ދަނީ ތޮއްޖެހިގެން މާލޭގެ ފިހާރަތަކުން ބޭނުންވާ ތަކެތި ގަންނަމުންނެވެ.

މިކަމާ ގުޅިގެން އަމްރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ގޭގަ ތިބެގެން އެސްޓީއޯ އިން ބޭނުންވާ ހުރިހާ އެއްޗެއް ގަނެވޭނެ ކަމަށާއި، މިހާރު އެސްޓީއޯ ސުޕަމާކެޓުން ތަކެތި ޑެލިވަރީ ކޮށްދެމުން ދާނެ ކަމަށެވެ. އެހެން ކަމުން މިހާރުން ފެށިގެން ފިހާރަތަކުގައި ތޮއް ޖެހުން ކުޑަކޮށް އެގޮތް އިހްތިޔާރު ކުރުމަށް އަމްރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އަމްރުގެ ޓްވީޓުގައި ވަނީ އެސްޓީއޯ އިން އޮންލައިންކޮށް ވިޔަފާރިކުރެވޭ ލިންކް ވެސް ހިމަނައިފައެވެ.

ކޮވިޑް-19 އަކީ ފަސޭހައިން ގައިން ގަޔަށް އަރަމުންދާ ބައްޔެއް ކަމުން، މި ބަލި ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދިނުމަށް އިޖްތިމާއީ ގައިދުރުކަމުގެ ގަވައިދަށް އަމަލު ކުރުމަށް ކަމާބެހޭ އިދާރާ ތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

މިއަދު ކޮވިޑް-19 އަށް މާލެއިން މީހަކު ފައްސިވެފައިވާ އިރު އޭނާ ފައްސިވި ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. އެހެން ކަމުން މި ބަލި އިތުރު ބަޔަކަށް ޖެހިފައި ހުރުމަކީވެސް ގާތް ކަމަކަށް ވުމުގެ ސަބަބުން މިވަގުތު، ގެޔަށް ބޭނުންވާ ތަކެތި ހޯދުމަށް ވުރެ ސިއްހީ ގޮތުން ރައްކާތެރިވެ ތިބުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޅި

    ދެން އެސްޓީއޮގަ ބަންދު އަޅުވާފަ، އޮންލައިންކޮށް އެކަނި ވިއްކަބަލަ... ކިތަންމެވަރަކށް ބުނިކަމުގައިވިއަސް އަޑެއް ނާހާނެ.

    10