ކޮވިޑް-19 ގެ ބަލިމަޑުކަން މާލޭގައި ފެތުރެން ފެށުމާ ގުޅިގެން މިދިޔަ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު، މިދިޔަ ޖުލައި މަހު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖުލައި 15 ގެ ފަހުން ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލި ފަހުން ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކޮންމެ ހަފުތާއަކު ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ހުރި މިންވަރާއި ރާއްޖެއަށް ތާވަލުކޮށްފައިވާ ފްލައިޓްތަކުގެ މައުލޫމާތުގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތައް ވެސް އާންމު ކުރަމުންނެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު އެއިން ދައްކާ ގޮތުގައި މި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިން މިދިޔަ ބުދަ ދުވަހާ (އޮކްޓޯބަރު 28) އާ ހަމައަށް ރާއްޖެއަށް 18،601 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އެއީ މިދިޔަ ސެޕްޓެމްބަރު މަހަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 9،538 ފަތުރުވެރިންނެވެ.

އާންމުކޮށް ދުވާލެއްގެ މައްޗަށް އެވެރެޖް ގޮތެއްވައި 8،000 އެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލި ޖުލައި މަހު ޒިޔާރަތް ކުރީ އެންމެ 1،752 ފަތުރުވެރިންނެވެ. ދެން އައި އޮގަސްޓް މަހު 7،628 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާޗު މަހު ބޯޑަރު ބަންދު ކުރުމާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރީ 382،760 ފަތުރުވެރިންނެވެ. އެހެންކަމުން މި މަހުގެ 28 ގެ ނިޔަލަށް މި އަހަރު 420،279 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ޖުލައި މަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން މިހާތަނަށް 7،507 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އެރެބް އެމިރެޓްސް، ޔޫއޭއީ) އިންނެވެ. ޔޫއޭއީ އިން މިދިޔަ ތިން މަހު 3،479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އެމެރިކާއިން 3،056 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ހަތަރުވަނައަށް އެންމެ ގިނަ ފަތުވެރިން ޒިޔާރަތް ކުރި އިނގިރޭސިވިލާތުން 2،923 ފަތުވެރިން ޒިޔާރަތް ކުރިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް މުޅިން ބަރޯސާވެފައިވާ ދިވެހި އިގްތިސާދު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވެ ދުނިޔޭގެ ފަތުރުވެރިކަން ހުއްޓުމަކަށް ގެންނަން ޖެހުމުން ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. އަލުން އިގްތިސާދު އާރާސްތު ކުރުމުގެ މަސައްކަތް ފަށަން ޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެންޔާމަންޖެ

    ދެންކޮބާ ރިސޯޓު މުވަ އްޒަފުންނަ އް އޮތް އުފަލަކީ ހާލުގަ ޖެހުނުދުވަހު ޕެންޝަނަ އް ކަނޑާލި ލާރީގެ %50 އެހީ ދޭންވެސް ނުކެރުނު ހަމަޔަގީނޭ ޔާމިން ވެރިކަމުގަ ހުރިނަމަ ލޯނެ އް ހޯދާފަ ނަމަވިޔަސް ހަމަ ޖަ އްސަ އިދިނިސް ކަން މިހާ ނާގާބިލު ނުކުޅެދޭ ބަރަވެލި ދުވެލީގެ ސަރުކާރެ އް ނުދެކެން ތާރީހުގަވެސް

  2. ދެކޮޅުދިމާނުވޭ

    ހެސްކިޔާފަ ޓޫރިސްޓުން މިތަނަށް އަންނަނީ ކަރަންޓީނު ވާކަށް ނުޖެހެ. އެކަމަކު ދިވެއްސަކު މާލެއިން އެހެންރަށަކަށް ދާނަމަ ކަރަންޓީނުވާން މަޖުބޫރު.. ދިވެހިން ދިވެހި ޤައުމުގައި މިވަނީ ފާޑަކަށް އަޅުވެތިކޮށްފައި..