(އައްޑޫ ސިޓީ، މީދޫ) މިރުހާއި ކަރާ, ފަޅޮލާއި ކޮޕީ ފަތާއި ކިއުކަމްބާ އަދި އޮޅުއަލަ މިހެން ގޮސް އެތައް ބާވަތެކެވެ. ރަށުގެ ބޮޑު ސަރަހައްދެއް އޮތީ ދަނޑުވެރި ބާވަތްތަކުން ފުރާލައިފައެވެ. ފެހިކަން ބޮޑު މި ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ދަނޑުވެރިކަން ކުރާ ސަރަހައްދު ބޮޑެވެ. ރާއްޖޭގެ އިޤްތިޞޯދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދަނޑުވެރި އުފެއްދުންތައް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ވެސް ލިބޭތީ މި ރަށުގެ މައި އެއް އިޤްތިޞޯދީ ހަރަކާތަކީ ވެސް މިއީއެވެ. ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ރިސޯޓްތަކަށް ރަށުގެ ދަނޑުވެރިން އުފެއްދުންތައް ވިއްކަނީ ކޯޕަރޭޓް ސޮސައިޓީއެއް ޤާއިމްކޮށް އެ ކޯޕަރޭޓް މެދުވެރިކޮށެވެ. ރަށުގެ އިޤްތިޞޯދުގެ މައި "އިންޖީނަކީ" ވިޔަފާރީގެ މި މުޢާމަލާތެވެ.
މީދޫގެ ކޮންމެ ރައްޔިތަކީ ވެސް ދަނޑުވެރިއެކޭ ބުނެވިދާނެއެވެ. އެހާ ވެސް ރަށުގައި ދަނޑުވެރިންގެ ވަނީ ފުޅާވެފައެވެ. ރަށުގެ އާބާދީއަކީ 3،011 މީހުންނެވެ. ވިހި އަކަފޫޓުގެ 135 ބިން ދަނޑުވެރިކަމަށް ދޫކޮށްފައިވެއެވެ. ރަށުގެ ބިމުގެ ސަރަހައްދުން 33.45 ހެކްޓަރުގެ ބިން ދަނޑުވެރިކަމަށް ބޭނުން ކުރާއިރު ކައުންސިލުން ލަފާ ކުރާ ގޮތުގައި އެ ރަށުގައި މިހާރު 60 އަށް ވުރެ ގިނަ މީހުން ދަނޑުވެރިންގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. ދަނޑުބިން ދޫކޮށްފައިވާ އެކަކަށް ވުރެ ގިނަ މީހުން ގުޅިގެން އެކުގައި ވެސް އެ ހަރަކާތް ހިންގައެވެ. އެ ވަރަށް ދަނޑުބިންތައް ދޫކޮށްފައިވާއިރު ބައެއް މީހުން ގޭގައި ވެސް ތަކެތި ހައްދައިގެން ވިއްކައެވެ. ބައެއް މީހުން ދަނޑުވެރިކަމަށް ދޫކުރި ބިމުގައި ގްރީން ހައުސް އަޅައިގެން ވެސް މި މަސައްކަތް ކުރެއެވެ.
"ވަގުތު ހޭރިޔާ" ޓީމުން އައްޑޫ ސިޓީ މީދޫއަށް ކުރި ދަތުރުގައި މީދޫގެ ދަނޑުވެރިކަމުގެ އަޖުމަ ބަލައިލީމެވެ. ރަށުގެ ގިނަ ދަނޑުތަކަށް ދިޔައީއެވެ. އެ ރަށުގެ ގިނަ ދަނޑުވެރިންނ ބައްދަލު ކުރީމެވެ. އެ މީހުން ހައްދާ ތަކެތީގެ މައުލޫމާތާއި، ދަނޑުވެރިކަމުގެ ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމުގައި ހުރި ގޮންޖެހުންތައް ވެސް ސާފު ކުރީމެވެ. އެ ދަނޑުވެރިންނާ ވަރަށް ގާތުން ދަނޑުވެރިންގެ ޙާލަތު ވަޒަންކޮށްލީމެވެ. ރަށުގެ އިޤްތިޞޯދުގައި އެ ހަރަކާތް އަދާ ކުރާ ރޯލާއި، ގިނަ މީހުން އެ ވިޔަފާރި ކުރަމުން ދިޔަ ވައްޓަފާޅި އޮޅުންފިލުވީމެވެ.
"އެބަ އުޅޭ ފަސް ދަނޑު ގެންގުޅޭ މީހުން ވެސް، އެއީ އާއިލީ އެކި މީހުންނާ އެކީގައި. އަހަރެންނާއި ކޮއްކޮ އާއި ވީމަ ދެ ދަނޑު، އެކަމަކު އާއިލާ އެކި މީހުން ކުރަންޏާ ހުންނާނެތާ،" މީދޫގައި ދަނޑުވެރިކަން ފެށި އެ ވިޔަފާރި ކުރަމުންދާ ވައްޓަފާޅި އެ ރަށުގެ ދަނޑުވެރިއެއް ކަމުގައިވާ އަހުމަދު ޒުހައިރު ކިޔައިދިނެވެ.
"އަހަރެން ކުޑައިރުއްސުރެން ފަށައިގެން ދަނޑު ހައްދާ ތަން ދެކެން، ކަރައާއި ޒުވާރިއާއި ފަޅޯ ވެސް ހައްދާ. ދެން އެ ކަން ވާރުތަ ވަމުން އައިސް މި ޖީލަށް މިއައީ، ބޮޑަށް 2008 ގައި ދަނޑު ހައްދަން ލުއި ލޯން ދޫކުރަން ފެށި ހިސާބުން ރަށުގައި އިތުރަށް ދަނޑު ހައްދާ ން ދަނޑު ދިނީ، އެހާ ހިސާބުން ދެން އެންމެން ވެސް ހައްދަން ފެށީ،"
ދަނޑުވެރިންގެ އަތުން ފީ ނެގުމުގެ ވިސްނުން، ރަށު އިޤްތިޞޯދަށް މުޙިއްމު ކަމެއް
މީދޫ ދަނޑުވެރިންގެ ތެރެއިން ބައެއް ދަނޑުވެރިން ވެސް ޤަބޫލު ކުރާ ގޮތުގައި ދަނޑުބިންތަކުން ލިބޭ އާމްދަނީގެ މަންފާ ރަށުގެ އިޤްތިޞޯދަށް ކުރާނެ ގޮތްތަކެއް ހޯދަން ޖެހެއެވެ. އެ ކަމަށްޓަކައި ދަނޑުވެރިންގެ އަތުން ކައުންސިލުން ފީއެއް ނެގުމަށް ރަށު ދަނޑުވެރިޔަކު ހުރީ ވެސް ތައްޔާރަށެވެ. އެ ދަނޑުވެރިޔާ ގަބޫލު ކުރާ ގޮތުގައި އެއީ ކުރަން ޖެހޭ ވެސް ކަމެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސާދީ ތަދުމަޑުކަމެއްގައި ތިބި އިރު، މި ހާލަތު ކުރިމަތިވުމުގެ ކުރިން މިފަދަ މަޝްވަރާތަކެއް ވެސް ސިޓީ ކައުންސިލްގައި ކުރެވިފައިވެއެވެ.
"ވަރަށް ބޮޑު އާއްމުދަނީއެއް ލިބޭނެ މި ހުރިހާ ދަނޑުތަކުން އެއްޗެއް ނެގީމަ، އަހަރުމެން މި އުޅެނީ މިލްކްކޮށްގެން ކިހާ ބޮޑުތަންތަންދޯ، ހިލޭ ސާބަހަށް ދީފައި ހުރީ، އެ ކަހަލަ [މި ދަނޑުތަކުން ފީއެއް ނެގުމުގެ] ވިސްނުމެއް ކައުންސިލުން ގެންގުޅުނު، އެކަމަކު ކޮވިޑް-19 އާ ގުޅިގެން މަޑުޖެހިފައި މި އޮތީ، މި ހާލަތުގައި ދެން ދަނޑުވެރިންނަށް ފީ ދައްކަން ވެސް ދަތިވާނެތާ، އެކަމަކު ރަށުގެ ކަންކަމަށް ކުރަން ރަނގަޅު ކަމެއް އެއީ." ދަނޑުވެރިޔާ އަހުމަދު ޒުހައިރު ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ހިޖާޒް ވިދާޅުވީ، ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ބިންތައް ގިނަ ކަމަށާއި، ބައެއް މީހުން 20،000 އަަކަ ފޫޓަށްވުރެ ބޮޑުކޮށް ބިން ނަގައިގެން ދަނޑުވެރިކަން ކުރަމުންދާ ކަަމަށެވެ. އަދި އެކަމާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދުވަސްވަރު ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ފައިސާ ހޯދަން ވިސްނާފައި ނުވާ އޭނާ ވިދާޅުވިއެވެ. އެކަމަކު މި ހާލަތުން އަރައިގަތުމުން ފީ ނެގުމަކީ ކައުންސިލްގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި [ދަނޑުވެރިންގެ އަތުން ފީއެއް] ނަގާނެ، ފައިސާއެއް، އަޅުގަނޑުމެން އިންނާނެ ވަކި ގޮތަކަށް ގަވާއިދު ވެސް އެކުލަވާލާފައި، އޭގެ ތެރޭގައި 10،000 އަކަފޫޓަކީ ކޮންމެ ގޭބިސީއަކަށް ކަނޑައަޅާފައިވާ ވަރު، 10،000 އަކަފޫޓަށް ވުރެ އިތުރުވާ ކަމުގައި ވަނީ ނަމަ ބިޑް އުސޫލުން ނަގަން ޖެހޭނީ އެތަން، އެކަމަކު އަޅުގަނޑުމެން އެކަަމަށް ބަލާފައި މި އިންނަނީ މިކަމުން އަރައިގަތީމަ ކުރަން". ހިޖާޒް ވިދާޅުވިއެވެ.
ހިޖާޒް ވިދާޅުވީ، އެ ބިންތައް އަދި ރަޖިސްޓްރީކޮށް ދިގު މުއްދަތަަކަށް ދީ އެފަދަ ކަންކަން އަދި ކުރަމުން ނުދާ ކަމަށެވެ. އަދި ހަމައެކަނި ދޫކޮށްލަނީ ލިޔުމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތުން އަރައިގަނެވުމުން، ބިންތައް ރަނގަޅު މަގަކަށް އަޅުވައި، ރަޖިސްޓްރީކޮށް، މަސައްކަތްތައް ފަށައިގަންނާނެ ކަމަށް ވިދާޅުވިއެވެ.
މިރުހުގެ ރަސްކަމުގައި މީދޫ!
މިރަށު ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަލީ ޝަރީފް 54އ، އަކީ ރަށުގައި އެންމެ ބޮޑު އިސްކަމެއް މިރުސް ހައްދާ އެއް ދަނޑުވެރިޔާއެވެ. އޭނާގެ ދަނޑު އޮތީ މިރުހުން ފުރާލާފައެވެ. އޭނާގެ ދަނޑުގައި ހައްދާ ގިތެޔޮ މިރުހަކީ ކުޅި، އެހާމެ މީރު މިރުހެކެވެ. އެކަން މިހާރު ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެނގޭނެއެވެ.
މީދޫ މިރުހުގެ ރަސްކަމުގެ ތާޖު އަޅުވައިގެން ދިވެހިން ދަހިކޮށްލައިފިއެވެ. ރާއްޖޭގައި މިރުހުގެ ރަސްކަން ކުރާ ކަނޑޫދޫ މިރުސް ވައްޓާލައި، މިރަށު މިރުސް ރަސްކަމަށް އަރާނެ ދުވަހެއް އަންނާނެއެވެ. އެ ޔަގީންކަން މިރުހުގެ މީރު ރަހައިންނާއި، ވަހާއި، ކުޅިމިންވަރުން އެނގެއެވެ.
އަކީ ޝަރީފް ދަނޑުވެރިކަމުގައި އުޅޭތާ އަށް އަހަރުވެއްޖެއެވެ. އޭނާ އެ މަސައްކަތް އަދާ ކުރަނީ ޕާޓް ޓައިމް މަސައްކަތެއްގެ ގޮތުގައެވެ.
"އަޅުގަނޑު ހައްދަން މިރުސް ކިއުކަންބާ، މެލަން، ކަރާ، ލީކްޑް ސްޕްރިންގ އޮނިއަން، ފަތްޕިލާވެލީގެވެސް ލެޓިއުސް ބާވަތްތައް އެބަ ހައްދަން ހައިޑްރޯފޯނިކް". މިރުސް ގަހުން ފުރިފައިވާ ދަނޑުގައި ހުރެ "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި އަލީ ޝަރީފް ބުންޏެވެ.
އޭނާ ބުނީ، އެންމެ ގިނައިން އޭނާ ހައްދަނީ، އަދި ހައްދަމުން ދަނީވެސް މިރުސް ކަމަށެވެ.
"މިރުހުގެ އެބަ އުޅޭ ފުދޭވަރަކަށް ޑިމާންޑެއް، އެހެން ނަމަވެސް އަޅުގަނޑަށް ހީވަނީ ލ އަތޮޅުން އެރަށަށް މިރުސް ގެނައުމާއި، ކަނޑޫދޫން މިރުސް ގެންނާތީ". ކަނޑޫދޫ މިރުހާއި، މީދޫ މުރުހާއި ކޮލެޓީ ހަމަ އެއްވަރެއްކަން ފާހަގަކުރަމުން އަލީ ޝަރީފް ބުންޏެވެ.
އެގޮތުން އޭނާ ފާހަގަކުރިގޮތުގައި، މީދޫ މިރުހާއި، ކަނޑޫދޫ މިރުސް އެއްތަނެއްގައި ބެހެއްޓުމުން ނޭނގޭނެ އެވެ.
އަލީ ޝަރީފްގެ ދަނޑު މިރުހުން ފުރިފައިވާއިރު، އޭނާގެ މަހެއްގެ މައްޗަށް 100 އަށްވުރެ ގިނަ ކިލޯގެ މިރުސް ހައްދައެވެ. އޭނާ ފާހަގަކުރިގޮތުގައި، މިދިޔަ ނޮވެމްބަރު މަހު އޭނާ ވަނީ 115 ކިލޯގެ މިރުސް ކަނޑާލާފައެވެ.
މީދޫގައި، މިރުސް ހައްދާލެއް ގިނައެވެ. ގޯތި ތެރޭގައިވެސް މިރުސް ހައްދަ އެވެ. މިރަށުން ދަނޑުވެރިންވެސް ބުނާގޮތުގައި، މިރަށުން ފެންނަނީ ހުސް މިރުސް ގަހެވެ. ރަށުގައި ގިނަބަޔަކު މިރުސް ހައްދާތީ، ބައެއް ދަނޑުވެރިން މިރުސް ހެއްދުން ހުއްޓާލައި، އާ ބާވްތަތައް ތައާރަފްކޮށްގެން ކުރިއަށް އެބަ ދެއެވެ.
ދަނޑުވެރިންގެ ޖީބަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާ!
މީދޫ އަލީ ޝަރީފްގެ ދަނޑަށް ބަލާލުމުންވެސް އޭނާ އެތައް ފައިސާއެއް މިކަމަށް ހަރަދުކޮށްފައިވާކަން އެނގެއެވެ. އޭނާ ދަނޑުވެރިކަން ގޭގެއަށް ކުރުމަށްފަހު، ބިމެއް ހޯދައިގެން އެ މަސައްކަތް ކުރަމުންދާއިރު، އޭނާގެ އެ ބިމަށް 1.2 މިލިއަން ރުފިޔާ އޭނާ ވަނީ އިންވެސްޓްކޮށްފައެވެ. އޭނާ އަދިވެސް ދަނޑުވެރިކަން ކުރިއަރުވަން ވިސްނަމުންދެއެވެ.
ލޮވިޑް-19ގެ ކުރިން ޝަރީފްގެ މިރުސް ދަނޑުން އެކަނި މަހެއްގެ މައްޗަށް 70 ކިލޯ އާއި 80 ކިލޯގެ މިރުސް ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކޮށް ރަށުން ބޭރުކޮށްލައެވެ.
މީދޫގެ އެންމެ ދުވަސްވީ ދަނޑުވެރިޔާ މުޙައްމަދު ވަހީދު(ވައްޑެ) ބުނާގޮތުގައި، އޭނާ މީގެ 30 އަހަރު ކުރިން ދަނޑުވެރިކަން ފަށައިގެން ފުރަތަމަ، ހައްދާ ތަކެތި ވިއްކަމުން ދިޔައީ ރަށުގެ ގެތަކަށެވެ. ފަހުން އޭނާ އެ ތަކެތި އަތޮޅުގެ އެހެން ރަށްތަކަށް ވިއްކަން ފެށިއެވެ. އޭގެ ފަހުން ރިސޯޓްތައް އުފެދި، ރިސޯޓްތަކަށް ސަޕްލައި ކުރަން ފެށިއެވެ.
ވައްޑެ ބުނިގޮތުގައި، ކޮވިޑް-19ގެ ކުރިން އޭނާއަށް އާއްމުދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 30 ނޫނީ 40 ހާސް ރުފިޔާ ލިބެ އެެވެ.
"އަޅުގަނޑު އެބަ ގެންގުޅެން ދެ ދަނޑު، ދެދަނޑުގައި ކުރާ ދަނޑުވެރިކަމަށް ބަލަން ޖެހެނީ، ކޮވިޑް-19ގެ ކުރިން އަޅުގަނޑަށް މިވަރު ލިބުނު އެކަމަކު މިހާރު އެއްކޮށް ހުއްޓިފައި މި އޮތީ". ވައްޑެ ބުންޏެވެ.
އެރަށުގައި ދަނޑުވެރިކަން ކުރާ އަންހެނެއް ކަމަށްވާ އުމުރުން 53 އަހަރުގެ އާމިނަތު ނަޝީދާ ބުނީ، އޭނާ ދަނޑޫވެރިކަން ކުރަމުން އަންނަތާ 14 ވަރަކަށް އަހަރުވެފައިވާއިރު، ފަޅޯ، ބަރަބޯ، ކިއުކަންބާ، ކަރާ ފަދަ އެއްޗެހި އޭނާ އަބަދުވެސް ހައްދާ ކަަމަށެެވެ. އޭނާގެ އެ މަސައްކަތަށް ކުރަމުންދާ ހަރަދާއި ބަލާއިރު، މާބޮޑު ނަފާއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ކޮވިޑް-19 އާ ހެދި ދަނޑުވެރިކަމުން ލިބޭ އާއްމުދަނީ ދަށަށް!
މިރަށު ދަނޑުވެރިން ފާހަގަކުރިގޮތުގައި، މިރަށު ދަނޑުވެރިންނަށް މިފަހަކުން ލިބުނު އެންމެ ބޮޑު ގެއްލުމަކީ ކޮވިޑް-19 އާ ހެދި ރިސޯޓްތައް ބަންދު ކުރުމެވެ. ޓޫރިޒަމް މިނިސްޓްރީ އާއި ދަނޑުވެރިކަމާއި އޮތީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ރިސޯޓްތައް ހުއްޓުމުން ދަނޑުވެރިންނަށް އޮތް މައިގަނޑު މާކެޓް ގެއްލުނެވެ. އެ މީހުންނަށް މާކެޓް ކުރެވޭނެ އިތުރު ގޮތްތަކެއް ދައްކައިދީފައެއް ނުވެއެވެ.
މީދޫ ރައްޔިތުންނަށްވެސް އަދި މުޅި ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށްވެސް ދިމާވީ މިހެންނެވެ.
އައްޑޫ ސިޓީ ކައިރީގައި އޮންނަ ރިސޯޓްތަކަށް ތަރުކާރީ ފޯރުކޮށްދެމުން ދަނީ މީދޫ ދަނޑުވެރިންނެވެ. ކޮންމެ މަހަކުވެސް އެތައް ޓަނުގެ ތަރުކާރީ އެރަށުން ބޭރު ކުރެއެވެ.
"ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓް، ދެން ފަހުން އިސްމޭލާ ހެރާއަށް ވެސް ފޮނުވަން، ފުރަތަމަ އަޅުގަނޑުމެންގެ ދަނޑުތަކުން ހައްދާ ތަކެތި ކިރާނީ ކޯޕަރޭޓިވްއަށް، އެތަނުން ރިސޯޓްތަކަށާއި، އެއްޗެހި މި ފޮނުވަނީ". އަހުމަދު ޒުހައިރު ބުންޏެވެ.
ނަމަވެސް ރިސޯޓުތަކުން މި ދަނޑުވެރިންނަށް ލިބެމުންދިޔަ ފޮނި މީރުކަން ހިތި ރަހައަށް ބަދަލުވެއްޖެ އެވެ.ކައިރި ތިން ރިސޯޓަކުން ލިބެމުންދިޔަ އުފާވެރިކަން ބީވެގެން ދިޔައީއެވެ. ރިސޯޓްތައް ހުޅުވަން ފުރުސަތު ލިބުނަސް އައްޑޫ ސިޓީ ކައިރީ އޮންނަ ދެ ރިސޯޓެއް ހުޅުވަން އަދި ނިންމާފައި ނުވާތީ، އެ ދަނޑުވެރިން ހައްދާ ތަކެއްޗަށް ދެން ހަދާނެ ގޮތެއް ނެތެވެ. މިރަށުގެ ދަނޑުވެރިންނަށް މި ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
އަލީ ޝަރީފް ބުނިގޮތުގައި، ކޮވިޑް-19 އާ ހެދި އެ މީހުން ދިރިއުޅެމުން ދަނީ ވަރަށް ހާލުގައެވެ. މިހާރު ހައްދާ ތަކެއްޗަށް ހަމަ އަގެއް ނުލިބެ އެވެ. ބައެއް އެއްޗެހި ނުވިކި އުކާލަން ޖެހެނީ އެވެ.
"އަޅުގަނޑުމެން މި އުޅެނީ މިހާރު ވަރަށް ހާލުގައި، ކުރިން އަޅުގަނޑުމެން ހައްދާ ހުރިހާ އެއްޗެއްވެސް ވިކޭ ބަރާބަރަށް، އަޅުގަނޑުމެން ވިއްކަނީ ކޯޕަރޭޓިވްއަށް، ކޯޕަރޭޓިވްއިން ބައެއް ފަރާތްތަކާއި އެ ޑީލްކުރަނީ. އަތޮޅު ތެރޭގައި ހުރި ރިސޯޓްތަކަށް އެބޭފުޅުން އެ އެއްޗެސް ވިއްކަނީ، އަތޮޅު ތެރެއަށްވެސް ލޯކަލީ އެ މީހުން މި ސަޕްލައި ކުރަނީ".
އަލީ ޝަރީފް ބުނީ، ކޮވިޑް-19 އަށް ފަހު އެއްވެސް އެއްޗެއް ހެއްދޭ ގޮތް ނުވާ ކަމަށެވެ. އަދި މިހާރު ހާލުގައި ޖެހި،ވަރަށް ދަށް ރޭޓްގައިވެސް އެއްޗެހި ވިއްކޭތޯ ބެލި ނަމަވެސް، އެކަން ކާމިޔާބު ނުވާ ކަމަށް ބުންޏެވެ.
މިގޮތަށް އޭނާ ފާހަގަކުރިގޮތުގައި، ކުރިން ވަރަށް ރަނގަޅަށް ހައްދަމުން އައި މެލަންވެސް ދޫކޮށްލަން ޖެހިއްޖެ އެވެ. ކުރިން މެލަން ވިއްކަމުން ދިޔައީ ރިސޯޓްތަކަށެވެ.
"ފަހުން އަޅުގަނޑު މެލަން ހެއްދި ފަހަރު، 30،000 ރުފިޔާގެ ގެއްލުންވީ. އެހެންވެ ހުއްޓާލީ މިއީ އެފަހުން މެލަންއެއް ނަހައްދަން. ވާގޮތަކީ ރިސޯޓްތައް ބަންދު ވީމަ މެލަން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ، ލޯކަލީ ގާތްގަނޑަކަށް މަހެއްގެ ތެރޭގައި 30 ކިލޯ 50 ކިލޯ މި ބޭނުން ކުރަނީ". އަލީ ޝަރީފް ބުންޏެވެ.
ދަނޑުވެރިކަމުން ރަނގަޅު އާއްމުދަނީއެއް ނުލިބި ހިތްދަތިކަމާއި ކުރިމަތިލާން ޖެހުނު އެއްބަޔަކީ މީދޫ ދަނޑުވެރިންނެވެ. ހުރިހާވެސް ގެއްލުމަކާއި ކުރިމަތިލާން ޖެހިފައި ވަނީ އައި ގަދަ ކޮޅިގަނޑެވެ. ކޮވިޑް-19 އެވެ. އެ ކޮޅިގަނޑުގެ ސަބަބުން އެތައް ދަނޑުވެރިއެއްގެ ދިރިއުޅުން ވިއްސި ވިހާލި ވެއްޖެ އެވެ.
ވައްޑެ ބުނީ، ކޮވިޑް-19އާއެކު ދަނޑުވެރިކަން އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. ތަކެތި ހެއްދިޔަސް ގަންނާނެ ބަޔަކު ނުވެ ޖެހެނީ އުކާލަން ކަމަށް ބުންޏެވެ. އެހެންވެ މިހާރު ގިނަބަޔަކު ތަކެތި ހައްދަނީވެސް މަދުންނެވެ. ކުރާ ބުރަ މަސައްކަތުގެ އަގު ނުފެނި ކުނި ގޮނޑަށް ތަކެތި ދާ ހިސާބަށް ކަންތައް ގޮސްފައި ވުމުންނެވެ.
އާމިނަތު ނަޝީދާ ބުނީ، ރިސޯޓްތަކުގައި ގެސްޓުން ނެތުމުން މާކެޓެއް ނެތް ކަމަށެވެ. މިއާއެކު އެއްޗެހިތައް އުކާލަން ޖެހުުމުގެ ބިރާއެކު އެއްޗެހިތައް ނަހައްދާ ކަމަށް ނަޝީދާ ބުންޏެވެ.
އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީގެ މެނޭޖަރ ހަސަން ޝާހިދު ވިދާޅުވިގޮތުގައި، ކޮވިޑް-19 އާ ހެދި ބޮޑެތި ވިޔާފާރިތައް އަޑި އަޅާލިއިރު، އޭގެ ދަތިކަން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ކޯޕަރޭޓިވްއަކީ މާބޮޑު ފައިދާއެއް ވާ ތަނަކަށް ނުވާއިރު، އެއްވެސް ގައުމެެއްގެ ދަނޑުވެރިކަމަކީ ސަރުކާރުން އެކަން ކުރިއަރުވަން މަސައްކަތް ނުކޮށްފިނަމަ ކުރިއަރާ ނުދާނެ ދާއިރާއެއް ކަމަށް ފާހަގަވާކަަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު މަސައްކަތަކަަށް ވާން ޖެހޭނީ ކާނާ އުފެއްދުން ކަމަށެވެ. އަދި ބޭރުގެ ކާނާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، އިމްޕޯޓް ސަބްސްޓިޓިއުޓް ކުރުން ފަދަ ކަންކަން ކުރުމަކީ ސަރުކާރުގެ ލެވެލްގައި ތަންފީޒު ކުރަން ޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް އޮފް އެގްރިކަލްޗަރ އިބްރާހިމް ޝަބާޢު ވިދާޅުވީ، ކޮވިޑަ-19 އާގުޅިގެން ދަނޑުވެރިންގެ މާކެޓް ގެއްލުމުން، ރަމަޟާން މަސް ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ދަނޑުވެރިން އުފައްދާ ތަކެތި ގަނެ މާކެޓް ކުރެވޭނެ ނިޒާމެއް ހެދި ކަމަށެވެ.
ގޮންޖެހުންތަކެއް އެބަ ހުރި މިނިސްޓްރީން ޖަވާބެއް ނުލިބޭ!
މީދޫ ދަނޑުވެރިން ތިބީ ކޮވިޑް-19 އިން އަރައިގަތުމަށެވެ. އަނެއްކާވެސް އަލުން ހިތްވަރަކާއެކު މަސައްކަތް ފަށައިގަތުމަށެވެ. އެ އަޒުމުގައި ތިބިއިރު، ފިޝަރީޒް މިނިސްޓްރީގެ އެއްބާރުލުން ބައެއް ކަންކަމުގައި ނުލިބޭ ކަމަށް އެރަށުގެ ބައެއް މީހުންނާއި، ކައުންސިލްވެސް ވަނީ ފާހަގަކޮށްފައެވެ.
"ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މިރަށަށް ވަޑައިގަތީމަ އަޅުގަނޑުމެން ވިދާޅުވިން، މިކޮޅުގެ އަނބު ގަހަށާއި، ރުއްތަކަށް ޖެހޭ ބައްޔެއްގެ ވާހަކަ އޭގެ ރަސްޕޮންޑެއް ނުއެއް ލިބޭ، ރަނގަޅު ގޮތެއް ވާނެއޭ މިނިސްޓަރު ވިދާޅުވި، އެކަމަކު ހަމަޖެހޭ އެއްވެސް ތަނެއް އަދި ނުފެނޭ". މީދޫ ދާއިރާއަށް ހާއްސަ ކައުންސިލަރު ހުސައިން ހިޔާޒް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް އޮފް އެގްރިކަލްޗަރ އިބްރާހިމް ޝަބާއު ވިދާޅުވީ، މިމައްސަލާގައި މިނިސްޓްރީން މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ކައުންސިލަށް ސިޓީވެސް ފޮނުވާފައި ވާނެކަމަށެވެ. އެ ސިޓީގައި ރުއްތަށް ދިމާވެފައިވާ ވައިޓް ފްލައިގެ މައްސަލައާއި އެހެނިހެން ގަސްތަކަށް ދިމާވެފައިވާ ބަލިތައް ދެނެގަތުމަށް ދަތުރެއް ކުރުމަށް ނިންމައި، ސިޓީއެއް ފޮނުވި ކަމަަށާއި، އަދި އެ ދަތުރުކޮށް، އެކަންކަން ބަލާފައިވާނެ ކަމަށް ޝަބާއު ވިދާޅުވިއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ފެބްރުއަރި 3-5 އަށް އެރަށަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުތައް ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޕެސްޓް ކޮންޓްރޯލް ކުރުމަށް ކަންތައް ކުރަން ޖެހޭ ގޮތްތައް ކިޔާދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ހިޔާޒް އިތުރަށް ވިދާޅުވީ، ދަނޑުވެރިކަމާއި ގުޅުން ހުރި އެއްޗެހިން ޑިއުޓީ ނުނެގި ނަމަވެސް، ސަޕްލައި ކުރަމުންދާ މީހުން ވަރަށް ބޮޑު އަގުގައި އެތަކެތި ވިއްކަމުންދާ ކަމަށެވެ.
"އެހެންވީމަ ޑިއުޓީ އަށް ބަދަލުތަކެއް އައިކަން އަޅުގަނޑުމެންނަށް ނުފެނޭ". ހިޔާޒް ފާހަގަކުރެއްވި އެވެ.
މީދޫ ކޯޕަރޭޓިވް ސޮސައިޓީ، މީދޫ ދަނޑުވެރިންގެ ބައްޕަ!
މީދޫގައި ދަނޑުވެރިކަން ކުރާތާ އެތައް ޒަމާންވެފައި ތިބި މީހުން އެބަތިއްބެވެ. 2010 ވަނަ އަހަރު އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ އުފެދިގެން އައީސްވެސް ދަނޑުވެރިންނަށް ފައިދާ ކުރަނިވި ގޮތްތަކާއި، އާއްމުދަނީ ހޯދާނެ ގޮތްތައް ހޯދައި އޮޅުން ފިލުވައި، ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމަށް ސަޕްލައި ހޯދުނެވެ. އޭގެ ނަތީޖާ ރަނގަޅަށް ފެންނަމުން ދެއެވެ.
އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީގެ މެނޭޖަރ ހަސަން ޝާހިދު ވިދާޅުވިގޮތުގައި، އެރަށަކީ މަސްވެރި ރަށެެއް ނޫން ކަމަށްވާއިރު، ދަނޑުވެރިކަން ވަރަށް ކުުރިން ފެށިގެން ކުރާ ކަމަށެވެ. އަދި ގިނަ މީހުން އޮފީސް ނިންމާފައި ދަނީ ދަނޑުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިގޮތަށް ގިނަބަޔަކު ޝަކުވާތައް އަޑުއެހިން، ހުރިހާ އެންމެންވެސް ޝަކުވާއަކަށްވީ ރަށުގައި އުފައްދާ ތަކެތި ވިއްކޭނެ ގޮތެއް ނުވުން، އެކަމާއި އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެއިރު ޝަންގްރިއްލާ ރިސޯޓް ހުޅުވަނީ، އެ ރިސޯޓާއި ވާހަކަދައްކައިގެން،މި ތަކެތި ވިއްކޭނެ ގޮތަކީ ކޮބައިތޭ ބެލިއިރުގައި، ދެން ހުރިހާ ދަނޑުވެރިންގެ އަތުން ރިސޯޓަށް އެއްޗެހި ނުގަނެވޭނެ، އެހެންވެ ހެދި ގޮތަކީ ފޯކަލް ޕޮއިންޓެއް ދަނޑުވެރިންގެ ފަރާތުން އެކަކު އައްޔަންކޮށްގެން، އޭނާގެ ފަރާތުން ހުރިހާ އެއްޗެއް ސަޕްލައި ކުރާ ގޮތަށް". 2008 ވަނަ އަހަރު މީދޫގެ ރަށު ކައުންސިލަރަކަށް އުޅުނު ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް އެގޮތަށް ކުރިއަށް ނުދިޔައެވެ. އެންނެ ފަހުން ދެން މަސައްކަތް ކުރީ ޖަމިއްޔާއެއް މެދުވެރިކޮށް އެ މަސައްކަތް ފެށުމަށެވެ. އެކަންވެސް ކުރިއަށް ނުދިޔައެވެ. އޭގެ ފަހުން އެއިރުގެ ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ، ޑރ. ހުސައިން ރަޝީދާއި ވާހަކަދައްކައިގެން ކޯޕަރޭޓިވް އުފައްދަން ނިންމީއެވެ. އެ ކޯޕަރޭޓިވް އުފެއްދީ މިނިސްޓްރީގެ ވަަރަށް ބޮޑު އެހީތެރިކަމާއި އެކުގައެވެ.
އެތަންވެފައި ވަނީ ދަނޑުވެރިންނަށް އުއްމީދު ގެނެސްދިން ތަނަކަށެވެ. ދަނޑުވެރިން ތަކެތި ކޯޕަރޭޓިވްއަށް ވިއްކާއިރު، ކޯޕަރޭޓިވްއިން އެ ތަކެތިން ދަނޑުވެރިންނަށް އާއްމުދަނީ ހޯދައިދެއެވެ.
އެއިރު ކޯޕަރޭޓިވް އުފެއްދީމަވެސް ދަނޑުވެރިންގެ ފަރާތުން މާބޮޑު އެއްމާރުލުމެއް ނުލިބުނެވެ. ކޯޕަރޭޓިވް ރަޖިސްޓަރ ކުރަންވެސް ދަނޑުވެރިންގެ ތެރެއިންވެސް 10 މީހުން ނުވިއެެވެ. އެންމެ ފަހުން އެތަނުން މިތަނުން މީހުން ހޯދައި 10 މީހުން ހަމަކޮށް ކޯޕަރޭޓިވް ރަޖިސްޓަރކޮށް ހިންގަން ފެށީ 0 ކެޕިޓަލްގައެވެ.
"ފުރަތަމަ ދަނޑުވެރިންނަށް އަޅުގަނޑުމެން ޔަގީންކަން ދޭން ބޭނުންވީ ހަފްތާއަކު އެއްފަހަރު ޕޭމަންޓް ލިބޭނެއޭ، ދެން އެކަން ކުރުމަށްޓަކައި މިރަށުގެ ވިޔަފާރިވެރިން އަތުން ފުރަތަމަ ފައިސާ ބޮރޯކޮށްގެން ފެށީ، އަޅުގަނޑު ހަނދާން އެބަ ހުރި ދަނޑުވެރިން އަތުން އެއްޗެއް ނުލިބިގެން ފުވައްމުލަކުންނާއި ހުވަދޫން، އެއްޗެހި ގެންނަން ވިޔަފާރިވެރިއަތުން ލާރުކޮޅެއް ހޯދައިގެން "ހުވަދޫ ފުވައްމުލަކު މީހުންނަށް ވަގުތުން ފައިސާ ދޭން ޖެހޭނެތާ".އެގޮތަށް ފަށައިގެން ހިނގަން ފެށީމަ ދަނޑުވެރިންނަށް ފެނިއްޖެ، ދަނޑުވެރިންނަށް ގަބޫލުކުރެވިއްޖެ މިތަނުން ހަފްތާއަކު އެއްފަހަރު ޕޭމެންޓް ލިބޭނެކަން، އަމިއްލަ ޕްރޮޑަކްޓްތައް މާކެޓް ނުކޮށް، ދަނޑުވެރިންނަށް ދަނޑުތަކުގައި އެކަނި މަސައްކަތް ކުރެވޭނެ ކަން". ދަނޑުވެރިން ކޯޕަރޭޓިވްއަށް އިތުބާރު ހޯދުމަށް ކުރި މަސައްކަތް ޙިއްޞާ ކުރަމުން ޝާހިދު ވިދާޅުވިއެވެ.
ދެން ވަަރަށް ބޮޑަށް ކޯޕަރޭޓިވް ހިނގައިގަތެވެ. އަދި އެ ކޯޕަރޭޓިވް އިން ޝަންގްރިއްލާއާއެކު އެއްބަސްވުމެއްވެސް ހެދިއެވެ. އަދި ހެރެތެރެ ރިސޯޓާއެކުވެސް ސަޕްލައި ކޮންޓްރެކްޓެއް ހެދި އެވެ. އެ މަސައްކަތުގައި ޑރ. ދީދީގެ ރޯލު ބޮޑެވެ. އޭނާ ވަނީ މީދޫ ކޯޕަރޭޓިވް އާއި ރިސޯޓްތަކާއި ގުޅުވާލާފައެވެ.
ޝާހިދު ފާހަގަކުރެއްވިގޮތުގައި، ދަނޑުވެރިކަން ރަށެއްގައި ކުރިއަރުވަން ބަލާއިރު، ކޯޕަރޭޓިވްއަކީ ވަރަށް މުހިންމު ބައިވެރިވެރި އެކެވެ. އޭނާ ވިދާޅުވީ، ވަކިވަކި ދަނޑުވެރިންނަށް ރިސޯޓް ސަޕްލައި ދިއުމަށް އުނދަގޫ ވާނެ ކަަމަށާއި، ކޯޕަރޭޓިވްއެއް އުފެދިއްޖެނަމަ އެކަން ކުރިއަށްގެންދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ރިސޯޓަށް އެބަ ސަޕްލައި ކުރަން 23/24 އައިޓަމް".
އޭނާ ވިދާޅުވީ، ދަނޑުވެރިންނަށް އެ ކޯޕަރޭޓިވް އިން އިންޕުޓް، ގަސްކާނާ، ފަދަ އެއްޗެހިވެދސް ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި އެއަށް ފައިސާ ކަނޑަމުން ދާނީ ދަނޑުވެރިޔާ އެ ކޯޕަރޭޓިވްއަށް ދޭ އެއްޗެހިކަމަށްވެސް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިން ކުރިއަރުވަން އަތުކުރި އޮޅާލައިގެން!
ފިޝަރީޒް މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް އޮފް އެގްރިކަލްޗަރ އިބްރާހިމް ޝަބާއު ވިދާޅުވީ، ރަށްރަށުގައި ދަނޑުވެރިކަން ކުރިއަރުވަން ބޭނުންވާ މާލީ ވަސީލަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުން އަންނަ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއަކީ ޒަމާނުއްސުރެ ސަރުކާރުތަކުން މާބޮޑަށް އަޅާލެވިފައި އޮތް ދާއިރާއަކަށް ނުވާތީ، އޭތީ ރަނގަޅު މަގަކަށް ގެނައުމަށްޓަކައި ރަނގަޅު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަަމަށް ޝަބާއު ވިދާޅުވިއެވެ.
"އޭގައި އަޅުގަނޑުމެންގެ މައިންޑެސްޓް ބަދަލުވުންވެސް ވަރަށް މުހިންމު، މުޖުތަމައުގެ ތެރޭގެ މައިންޑްސެޓް ބަދަލުވުމާއި، ދަނޑުވެރިންގެ ތެރޭގައި މައިންޑްސެޓް ބަދަލުވުމާއި، ސަރުކާރު ތެރޭގައި ހިންގުމުގެ ދާއިރާގައި މައިންޑްސެޓް ބަދަލުވުމާއި، ދަނޑުވެރިންގެ މައިންޑްސެޓް ބަދަލުވުން، މިކަހަލަ ބައިވަރު ކަންތައްތަކެއް އެބަ ހުރި، މިފަހަރު އަޅުގަނޑުމެން ބެލީ، ދަނޑުވެރިކަން ކުރިއެވުރުމަށްޓަކައި ބޭނުންވަނީ ބައިވަރި ވަސީލަތްތައް ދަނޑުވެރިންނަށް އެބޭފުޅުންގެ ކޮންފިޑެންސްއާއި އެކީގައި އެބޭފުޅުންނަށް ރިސްކް ފްރީކޮށް މަސައްކަތް ކުރެވޭނެ ނިޒާމެއްގެ ތެރެއަށް އަންނަން". ޝަބާއު ވިދާޅުވިއެވެ.
ޝަބާއު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން އިފާޑްގެ އެހީގައި 12 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކޮވިޑް-19ގެ ކުރިން ތައްޔާރު ކުރި ކަމަށެވެ.
ޝަބާއު ވިދާޅުވީ، އެއީ ދަނޑުވެރިކަމަށް މިފަހުން އައިސް އެންމެ ފައިސާ ހަރަދު ކުރެވޭނެ ޕްރޮޖެކްޓްކަމަށާއި، އެއީ ސަރުކާރުގެ ލޯނަކާއި، އިފާޑްގެ އެހީގައި ތައްޔާރު ކުރި ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން މި ޕްރޮޖްކެޓްގެ ތެރެއިން އުތުރުގެ ތިން އަތޮޅަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި، ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މައުލޫމާތާއި، ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގައި ހިންގާ ދިރާސާ މަސައްކަތްތަކާއި، ދަނޑުވެރިންނަށް މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ހުރި މަސައްކަތްތައް ހަރުދަނާ ކުރުން ކަމަށެވެ.
"މި ޕްރޮޖެކްޓްގެ ތެރެއިން އަޅުގަނޑުމެން ދަނޑުވެރިކަން ކުރެވޭނެ ޒަމާނީ ގޮތްތައް ދަނޑުވެރިންނާއި ހަމައަށް ގެނެސްދޭނަން، މިސާލަކަށް ރަށްރަށުގައި މި އޮންނަނީ ބިންކޮޅު ކުޑަވެފައި ދެއްތޯ، ބިންކޮޅުވީމަ އެކްސްޕޭންޑް ކުރުމުގެ ޖާގަ ކުޑަވޭ ހޮރިޒޮންޓަލީ، އަޅުގަނޑުމެން ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭނެ ކަމަކީ ވާޓިކަލް ސިސްޓަމްތަކެއް ގެނެސްގެން ދަނޑުވެރިންނަށް ތައާރަފްކޮށްދީ، ދަނޑުވެރިންނަށް އޭގެ މަސައްކަތްކޮށް އޭގެ އެހީ ގްރޭޑް ކުރުމާއި، ޕެކްކުރުމާއި، ޕްރޮސެސްކޮށް، އޭތި ފުޅާ ދާއިރާއެއްގައި ވިއްކޭނެ މަގު ދައްކައިދިނުން، އެހެންވީމަ ޕެކިންގ ކޮށްދޭނެ ގޮތާއި، ސްޓޯރޭޖް ފެސިލިޓީއާއި އަދި އެއް ރަށުން އަނެއް ރަށަށް ދަނޑުވެރިކަން ސާމާނުތައް ގެންދެވޭނެ އުޅަނދެއްވެސް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެ". ދަނޑުވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތްތައް ތަފްސީލް ކޮށްދެމުން ވިދާޅުވިއެވެ.
ސަރުކާރުން، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި އުފެއްދެވި އެގްރޯނެޓް ނަމަކަށް ކިޔާ ކުންފުންޏެއް ވަނީ އުފައްދާފައެވެ. ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން އުފައްދި އެ ކުންފުނިން ދަނޑުވެރިން ހައްދާ ތަކެތި ރަނގަޅު އަގެއްގައި ނުވަތަ ދަނޑުވެރިންނަށް ގެއްލުން ނުވާ އަގެއްގައި ގަނެގެން މާކެޓް ކުރެވޭނެ ނިޒާމް ޤާއިމް ކުރަމުން އެބަ ގެންދެއެވެ.
ޝަބާއު ވިދާޅުވީ، އައްޑޫ ސިޓީގައި މީދޫއާ، ހިތަދޫއަކީ އެންމެ ބޮޑަށް ދަނޑުވެރިކަން ކުރަމުންދާ ދެތަން ކަމަށާއި، މީދޫ ރައްޔިތުންނަކީ ޒަމާނުއްސުރެންވެސް ދަނޑުވެރިކަން ކުރަމުންދާ ރަށަކަށްވެފައި، ދަނޑުވެރިންނާއެކު މިނިސްޓްރީން ވަރަށް ގިނަ މަސައްކަތަކެއް ކުރި ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ 15 އަހަރު ތެރޭގައި އެރަށު ދަނޑުވެރިންނަށް ތަމްރީން ދިނުން ފަދަ ކަންކަން ކުރި ކަން ޝަބާއު ފާހަގަކުރެއްވި އެވެ.
މީދޫ ދަނޑުވެރިކަން، ތަފާސްހިސާބުތަކުން!
މީދޫގައި ހައްދާ ތަކެތި ދަނޑުވެރިން ވިއްކަމުން ދަނީ ކޯޕަރޭޓިވްއަށެވެ. ކޯޕަރޭޓިވްއިން އެ ތަކެތި ރިސޯޓްތަކަށާއި، ބައެއް ރަށްރަށަށް ސަޕްލައި ކުރެއެވެ. އެ މަސައްކަތުގެ ތެރެއިން މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި އައްޑޫ މީދޫ ދަނޑުވެރިން ކޯޕަރޭޓިވް އަށް 50 ވަރަކަށް ބާވްތައް ވިއްކާފައި ވެއެވެ. އެގޮތުން މިދިޔަ ފަސް އަހަރު ތެރޭގައި މީދޫ ކޯޕަރޭޓިވްއިން މި ވަނީ ދަނޑުވެރިންގެ ތަކެތި ވިއްކައިގެން 11 މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިދީފައި ވެއެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް 1710.483 ޓަނުގެ ދަނޑުވެރިން ހައްދާ ތަކެތި ބޭރުކޮށްފައި ވެއެވެ.
މިދިޔަ ދެ އަހަރު ތެރޭގައި އެރަށުން ބޭރު ކުރި ދަނޑުވެރިން ހައްދަތަކެއްޗަށް ބަލާއިރު، އެންމެ ގިނައިން ބޭރުކޮށްފައިވަނީ ކަރާ އެވެ. ދެވަނައަށް އެންމެ އެންމެ ގިނައިން ބޭރުކޮށްފައި ވަނީ ކިއުކަންބާ އެވެ. ތިންވަނައަށް ދޮންކެޔޮ ހިމެނޭއިރު، ފަޅޯ އާއި ބަރަބޯ އާއި ހަނީ މެލަންވެސް މިދިޔަ ދެ އަހަރު ތެރޭގައި ފުދޭވަރަކަށް ބޭރުކޮށްލާފައި ވެއެވެ.
ސާބަހޭ މީދޫ ރައްޔަތުން.
މާމިގިލީ ގެވަޅު ގޯތިތަކު ދަނޑުހައްދާތީ ކައިރީތިބި ގޭގޭ މީހުންނައް ތީބޭންވަނީ އުދަގޫ ވެފަ. އެޖަހާ ރިހާކުރު ބޭހުގެ ވަހުގެ ސަބަބުން. ރަނގަޅައް ނޭވާވެސް ނުލެވޭ. ދަނޑުވެރިކަން ކުރާން ވަކި ސަރަހައްދެއް އޮވޭ ދީފަ. ސަރުކާރުން މިކަން ހުއްޓުވާ ބަލަ.
މިރުހަށް ރަސްކަން ދިނުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟؟
އައްޑޫގެ މުސްތަޤުބަލް ގުޅިފައިވަނީ ދަނޑުވެރިކަމާ..
މިރުސް ހެއްދުމަކީ ހަރާމް ކަމެއް ނޫން. އެކަން ވަނީ ހަލާލު ކުރައްވާފަ. އެކަން ގުރުއާނާއި ހަދީސް އިން ވަރަށް ރަގަޅަށް އިނގޭ. ރާއްޖޭގައި އުޅޭ ސޭކު ޝޭހުންނަކަށް ނޭގޭނޭ މިކަމެއް.