ރާއްޖެއަށް ދަތުރު ކުރަން ބޭނުންވާ މީހުން އިތުރުވެ ޑިމާންޑް މައްޗަށް ގޮސްފައިވާތީ ޤަތަރު އެއާވޭސްއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މިމަހުގެތެރޭ ޤަތަރު އެއާވޭސް އިން ރާއްޖެއަށް ދުވާލަކު ތިން ދަތުރު ބާއްވަމުން އައިސް މިހާރު ވަނީ ދުވާލަކު ހަތަރު ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފައެވެ.

ޤަތަރު އެއާވެއިސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފައިވާއިރު، އެ އެއާލައިނުން ވަނީ ރާއްޖެއާއި ޤަތަރާއި ދެމެދު ޓްރެވެލް ބަބްލްއެއް ޤާއިމުކޮށް އޭގެ ޕެކޭޖްތައް ތަޢާރަފުކޮށްފައެވެ. މި ޕެކޭޖަށްވެސް ފަތުރުވެރިންގެ މެދުގައި އޮންނަ މަޤްބޫލްކަން ބޮޑުވުމުގެ ސަބަބުން ޤަތަރު އެއަރވޭސްއިން ވަނީ ސޭފް ޓްރެވަލް ބަބުލްގެ މުއްދަތު އިތުރުކޮށްފައެވެ.

މި ޕެކޭޖު ތަޢާރަފްކުރިއިރު، މިޕެކޭޖުގެ ދަށުން ރާއްޖެއަށް ދަތުރު ކުރެވޭނީ 1 ޑިސެމްބަރާއި 7 ޖެނުއަރީ އާ ދެމެދުއެވެ. ނަމަވެސް މިހާރުވަނީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފްލައިޓުތައް ބާއްވާ އެއާލައިންތަކުގެ ތެރޭގައިވެސް ޤަތަރު އެއާވޭސް ހިމެނެއެވެ. މިހާރު ރާއްޖެއަށް ދުވާލަކު ހަތަރު ދަތުރު ބާއްވަމުންދަނީ އެމިރޭޓްސް އިންނާއި ޤަތަރު އެއާވޭސްއިން އެކަންޏެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހު ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ވެސް ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.

ކޮވިޑް-19 އާއި ގުޅިގެން އަދިވެސް ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި ވާއިރު ހުޅުވާލާފައިވާ ގައުމުތަކުގެ ތެރެއިން ވެސް ރާއްޖެ ފިޔަވައި ގިނަ ގައުމުތައް ހުޅުވާލާފައި ވަނީ އެގައުމުތަކަށް އެތެވެ، ފުރަތަމަ ކަރަންޓީން ވާން ޖެހޭ ގޮތަށެވެ. ރާއްޖެ އަށް އައިސް ކަރަންޓީން ވާން ނުޖެހޭތީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު