ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ގޮއިދޫގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ 2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަޙްމަދު ވިދާޅުވީ މީގެ ކުރިން މި ސަރަހައްދުގައި އެއްވެސް ލައިޓެއް ނުހުންނަ ކަމަށާއި، މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް މި ޕްރޮޖެކްޓް ނިންމާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ކަމުގެ ފަންނުވެރި ރަށުގެ ޒުވާނުންކަން ފާހަގަ ކުރަން. މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާކުރާނެ". ނިޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން ދަނޑުވެރިންނާއި، ފަންވިޔާ ފަރާތްތަކާއި، ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކްދާ މީހުންނަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

"މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި އަދި ރަށުގެ ޒުވާނުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދިވެސް މި ފަދަ ރަށުގެ ތަރައްޤީއަށް ފަހިވާނެ އިތުރު ޕްރޮޕޯސަލްތައް ހުށައެޅުމުގެ ވިސްނުން އަޅުގަނޑުމެން ޒުވާނުންގެ އެބަހުރި."ނިޝާމް ވިދާޅުވިއެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިންވަނީ ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށް، އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު