އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައިފިއެވެ.

ސަރުކާރުން މި އަހަރު އެންމެ ފުރަތަމަ އަމާޒަކަށް ހެދީ އެއް މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އޭގެ ފަހުން 1.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ވެސް އަމާޒު ހިފިއެވެ. އެންމެ ފަހުން އަމާޒު ހިފީ 1.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މިއަދު ރާއްޖެ އައި މި އަހަރުގެ 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވި، ޓޫރިޒަމްގެ މި ކާމިޔާބު އޮތީ އެންމެން އެއްބައިވެގެން ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން އިންތަކާއި މިންތަކުގައި ހިފައްޓައިގެން ކުރިއަށް ގޮސްގެން ކާމިޔާބު ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަރަށް ޓަފް ކަމެއް، މިހާރު އަޅުގަނޑުމެން ހިންދަމާލައިގެން އުޅުނަސް ދޮޅު އަހަރު މިދިޔައީ އިންޑަސްޓްރީ ބަނޑުދަމާލައިގެން، ވަރަށް ބޮޑު ގެއްލުންތަކާއި އިންޑަސްޓްރީން ކުރިމަތިލި". ޑރ. މައުސޫމް ވިދާޅުވިއެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. މައުސޫމް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ވިދާޅުވީ އާ އަހަރަށް ކުރިމަތިލައިގެން އަންނައިރު ތަފާތު ކަންކަން އިންޑަސްޓްރީއަށް ކުރިމަތިވިއިރު އެ ހުރިހާ ކަމަކާއެކު ކުރިއަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބަކީ ފަތުުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަރަށް ބޮޑު މިންނެތް މަސައްކަތް، އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުން އެކަތިގަނޑަކަށް ވެގެން ކުރާ މަސައްކަތް". އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވީ، މި އަހަރުގެ 1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވާއިރު، މިއީ ކާމިޔާބެެއްގެ ގޮތުގައި ސިފަ ކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިކަމާއި ވިސްނަވާލަން ޖެހެނީ އެހެން ގައުމުތަކުގެ ނަޒަރަކުން، މިސާލަކަށް އަޅުގަނޑުމެން ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާގެ ގައުމުތަކަށް ބަލާއިރު، ގިނަ ތަންތަން އަދިވެސް ފަތުރުވެރިކަމަށް ހުޅުވާ ނުލެވޭ، އެއީ ކާމިޔާބެއް ކަމުގައި އަޅުގަނޑު ހަމަގައިމުވެސް ދެކެން". ތައްޔިބް ވިދާޅުވިއެެވެ.

ތައްޔިބް ވިދާޅުވީ، އެ ފެންނަނީ ރާއްޖޭގެ އެންމެން އެއްބައި ވެގެން އިންޑަސްޓްރީ އާއި ސަރުކާރާއި، އަދި އެހެން މުވައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް، އެކަމަކު މި ކަމިޔާބު ދެން ދެމެހެއްޓޭނީ އަނެއްކާވެސް މި އަޅަފައި ހުރި ފިޔަަވަޅުތަކަށް ވީހާވެސް ބޮޑަށް ބަލައިގެން،".ތައްޔިބް ވިދާޅުވިއެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތައްޔިބް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ، މިހާރު މި ދާ ގޮތަށް ދާ ނަމަ އަންނަ އަަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އައުމަކީ ވުން ގާތް ކަމެއް ކަމަށެވެ. އަދި އެންމެންވެސް އުއްމީދު ކުރަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެެހެންވީމަ އަޅުގަނޑަށް ހީވަނީ އެއީ ރަނގަޅު ޓާގެޓެއްހެން، ހޯޕް ދެޓް ވީ ވުޑް ގެޓް ދެއާ".

ނަޒީރް ވިދާޅުވީ، ދުނިޔޭގައި މިހާރު ކޮވިޑް-19ގެ ކަންތައް ދަނީ އަޕްއެންޑް ޑައުން ގޮތަކަށް ކަމަށާއި، އޭގެ އަސަރުތައް ކޮންމެވެސް ވަރަކަށް އަންނަ އަހަރު ތެރޭގައިވެސް އުޅޭނެ ކަމަށެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަޓީގެ ނަޒީރު-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މި އޮމިކްރޮން ކަންތައް މިހާ ބޮޑުވެެގެން އުޅޭއިރުވެސް މިހާރުވެސް ރާއްޖޭގެ އޮކިއުޕެންސީ 95% ނޫނީ 90%ގައި މި އުޅޭހެން އަޅުގަނޑަށް ހީވަނީ، އެހެންވީމަ އޭގެ މާނައަކީ ޑެސްޓިނޭޝަނެއްގެ ގޮތަށް ދަތުރު ކުރާ މީހުން އޮތީ ރާއްޖެ ބަލައިގެންފައޭ.ދެން އަޅުގަނޑުމެންގެ ހިތްވަރާއި އެކީގައި އެ މީހުންނަށް ރަނގަަޅަށް ޓްރީޓްކޮށްފައި ފޮނުވާލީމަ އަޅުގަނޑުމެންނަށް ހީވަނީ އެ މީހުން އަނބުރާ އަންނާނެ ހެން". ނަޒީރް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢައިބާ

    ކޮންމެހެން ޓާގެޓް ނުކުރިއަސް 2 މިލިއަން ފަތުރުވެރިންނަށްވުރެވެސް އިތުރުވުމަކީ ދުރުކަމެއްނޫން ، ކޮވިޑްގެ ވަބާ އާއި ހެދި ގިނަބަޔަކަށް ފަސޭހައިން ދަތުރުކުރެވޭ މަންޒިލަކަށް ރާއްޖެ ވުމުން މިއަހަރުވެސް މިހާގިނަ އަދަދަކަށް ފަތުރުވެރިން އައީ ، އެއީ އެއްގޮތަކަށްވެސް ތިބޭފުޅާގެ ކުޅަދާނެކަމާއި ގާބިލުކަމުންނޫން.

    10
    2
  2. ޙަަަހަ

    މިއުޅެނީ އަދަދު ގިނަކުރަންތޯ ، އަދަދުން ރެކޯޑްހެދިއިރު ރައްޔިތުންނަށް ޤައުމުގެ އިޤްތިސާދަށް ވީފައިދާއެއްކޮބާތޯ ، ޑޮލަރު ލިބެނީ ހަމަ 21 ރ އިން މަތިން

  3. އަހުމަދުކަ

    ފަތުރުވެރިން ގިނައިން އައުން އެއީ ގައުމަށް ފައިދާހުރި ކަމެއްކަން އެއީ ޔަގީން އެހެންނަމަވެސް އެމީހުންނަށް ދެވޭ ސަރވިސްތަކަށް ވެސް އެބަޖެހޭ ވިސްނާލަން، އަންނަ ފަތުރުވެރިން ވައްދާނެ ދޮރާއްޓެއް ވެސް ހުންނަން ޖެހޭ ދެއްތޯ؟ މިގައުމަށް ފްލައިޓެއް އައިސް މަތީގަ 4 ގަޑިއިރު މަޑުކޮށް ޖައްސާފަ ޓަރމިނަލްއަށް ނުވަދެވި 1 ގަޑިއިރު ޓާރމިނަލްއަށް ވަދެ ދަބަސް ނުލިބި 2 ގަޑިއިރު ރިސޯޓަށް އަނެއް 5 ގަޑިއިރު ވާއިރު ނުދެވި