މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހދ. އަތޮޅުގައި އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރްޓީއެލް) ގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން އެމްޓީސީސީ މެދުވެރިކޮށް ކުރިއަށް ގެންދާ އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމުގެ ފުރަތަމަ ފިވަހީގެ ދަށުން ހދ. އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިއަދަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދު އެ އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ތައާރަފް ކުރާ އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރިކުރުވުމަށާއި ފެރީގެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހދ. އަތޮޅުގައި އާރްޓީއެލް ފެރީތަކުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އަދި އެ މުއްދަތުގައި ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތައް މެދުވެރިކޮށް ސީޓް ރިޒަވޭޝަން ހެއްދުމަށް ފަހުގައި ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް ހދ. އަތޮޅުގެ ރަށު ކައުންސިލްތަކުންނާއި އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވެސް ޕްލޭނިން މިނިސްޓްރީން އެދިފައި ވެއެވެ.
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީތަކުގައި ދަތުރުކުރެވޭނީ ފައިސާ ދައްކައިގެން ޓިކެޓް ނެގުމަށްފަހުގައި ކަމަށާއި އާރްޓީއެލް ޓްރެވެލް އެޕް އަދި އާރްޓީއެލް ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މީވާ ހިންގުތެރި ޚިދުމަތްތެރި ސަރުކާރެއް ތިކަމަކީ އެންމެ ގިނަ ރައްޔިތުންނަށް އެންމެ ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަންތަށް އަދި އަތޮޅުތެރޭގައި އިގްތިސާދީ ހަރަކާތްތަށް ހިންގުމަށް ހުޅުވިގެންދާ ބޮޑު ފުރުސަތެއް
ދިވެހި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުން އެކަމާ އުފާފާޅުކޮށް އެކަން ފާހަގަކުރުމަކީ ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް
އިދިކޮޅުން ކޮންމެ އެއްޗެކޭކިއަސް ރަށްރަށަށް ރައްޔިތުންނާ ސީދާގުޅުންހުރި މިހާގިނަ ޚިދުމަތްތަކެއް ގާއިމްކޮށްދެވުނު ބަޔަކު އަދި ވެރިކަމަކަށް ނާދޭ ޝުކުރިއްޔާ އިބޫ ސޯލިހު