ދުނިޔޭގެ އެންމެ މަޝްހޫރު އެއާކްރާފްޓް އިންޖީން އުފައްދާ ކުންފުނި، ރޯލްސް ރޮއިސްގެ އާ ސީއީއޯއަކަށް ތުފާން އެރްގިންބިލްގިޗް ހަމަޖައްސައިފިއެވެ.

އިނގިރޭސިވިލުގެ މަތިންދާ ބޯޓް އިންޖީން އުފައްދާ ކުންފުނި ރޯލްސް ރޮއިސް އިން ބުނީ އެ ކުންފުނީގެ ސީއީއޯ ވޮރެން އީސްޓްގެ ބަދަލުގައި ކުރީގެ ބްރިޓިޝް ޕެޓްރޯލިއަމް (ބީޕީ) ގެ އެގްޒެކެޓިވް ތުފާން އެރްގިންބިލްގިޗް ކުންފުނީގެ ސީއީއޯކަމަށް އިހްތިޔާރުކޮށްފައިވާ ކަމަށެވެ.

ރޯލްސް ރޮއިސް އިން ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރު ފެށުނީއްސުރެ އީސްޓުގެ ބަދަލުގައި، ޔޫކޭ އަދި ތުރުކީއަށްވެސް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އަރްޖިންބިލްގިޗް ސީއީއޯ ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. އީސްޓް ސީއީއޯގެ މަގާމުން ވަކިވެވަޑައިގަންނަވަމުން ގެންދަވަނީ، އެ ކުންފުނީގެ އެންމެ އިސް ރޯލު އަދާކުރެއްވިތާ 8 އަހަރު ފަހުންނެވެ.

ރޯލްސް ރޮއިސްގެ ޗެއާމަން އަނީޓާ ފްރީވޯ ވިދާޅުވާގޮތުގައި 62 އަހަރުގެ އެރްގިންބިލްގިޗް އަކީ ކޮމްޕްލެކްސް މަލްޓިނޭޝަނަލް އޯގަނައިޒޭޝަންތަކުގެ ތެރޭގައި ޓީމުތައް ކާމިޔާބު ކުރުމުގެ ސާބިތު ލީޑަރެއް ކަމަށެވެ.

އެރްގިންބިލްގިޗް އަށް ތައުރީފު ކުރައްވައި އަނީޓާ ވިދާޅުވީ އާ ސީއީއޯ އަކީ މަސައްކަތުގެ މައިދާނުގައި ހިންގުންތެރި ގާބިލު ބޭފުޅެއް ކަމަށާއި ކުންފުނީގެ އިންވެސްޓަރުންނަށް ނަތީޖާ ނެރެދިނުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށެވެ.

ރޯލްސް ރޮއިސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑެތި މަތިދާބޯޓުތައް، އެއަރބަސް އަދި ބޮއިންގް މަރުކާގެ މަތިންދާބޯޓުތަކުގެ އިންޖީނުތައް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނީގައި 9000 އަށްވުރެ ގިނަ މަސައްކަތްތެރިން ހަރަކާތްތެރިވާއިރު މިއީ ފައިދާބޮޑު ކުންފުންޏެއްކަން ފާހަގަ ކުރެވެއެވެ.

ކޮވިޑާއި ގުޅިގެން ރޮލްސް ރޮއިސް އަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނެވެ. ނަމަވެސް މިހާރު އަންނަނީ އަނެއްކާވެސް ވިޔަފާރި ރަނގަޅު ވަމުންނެވެ.