ގައުމީ ދާރުލްއާސާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ، މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ބޭންކުން ދާރުލްއާސާރުގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓަރީ ތަރައްގީ ކުރުމާއި ދާރުލްއާސާރަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް ދާރުލްއާސާރު ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ، ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ މުހިންމު އިދާރާއެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަސް ފާހަގު ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ ނުވަވަނަ ހަރަކާތް އަދި މުޖުތަމައަށް ފައިދާ ކުރުވަނިވި މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ބީއެމްއެލް ފެހި ޕްރޮޖެކްޓް، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީ ކުރުމަށް އެހީވުން އަދި ސްމޯލް ގްރާންޓްސް ވަނީ ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު