މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 942،000 އަށްވުރެ މަށްޗަށް އަރައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް 990,761 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

2020 ވަނަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ، 384,456 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރަތްކުރީ، 607,052 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 942,444 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ އިނގިރޭސި ވިލާތެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާ އިންނެވެ.

ރާއްޖޭގެ ޖުމްލަ 163 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 834 ގެސްޓުހައުސް ހިންގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ 155 ސަފާރީ އެބައޮތެވެ.

މިދިޔަ އަހަރު 1,321,932 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު، އެންމެ ގިނަ އަދަދަކަށް ރާއްޖެ އައީ އިންޑިއާ ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު ރާއްޖެ އަށް 555،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި 2019 ވަނަ އަހަރު 1,702,887 ފަތުރުވެރިން ރާއްޖެ އައިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.