މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ފްލޭގްޝިފް-އިވެންޓް، 'ސަވާދީއްތަ ދަތުރު 2023 ދެވަނަ އެޑިޝަން' ގެ އާރުކާޓީން (ލޯކަލް ޓުއަރ ގައިޑް) ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ. އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ކުރިއަށް ގެންދާ އާރުކާޓީން ތަމްރީނު ކުރުން ފަށާފައިވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން، މި އަހަރުވެސް ކުރިއަށް ގެންދެވޭ 10 ދުވަހުގެ މި ތަމްރީން ޕްރޮގްރާމުގެ އަމާޒަކީ، ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން، މިދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށާއިބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމާއި، އަދި އެރަށްރަށުގައި ފަތުރުވެރިން ހޭދަކުރާ ވަގުތުތަކުގައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޔަކު ތަމްރީނު ކުރުމެވެ.

މި ތަމްރީން ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތް ކުރިއަށް ގެންގޮސްފައިވަނީ ދާދިވަރުކޮށް (ވާރޗުއަލް) ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިޔާތް ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދުއެވެ.

އާރުކާޓީން ތަމްރީން ކުރުމުގެ މި ޕްރޮގްރާމަކީ އެމްއައިޓީޑީސީ އިން އިސްނަގައިގެން، އެފަރާތުގެ އެދިލެއްވުމަކަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވަރަށް ބޮޑު އެއްބާރުލެއްވުމާއިއެކު، މޯލްޑިވްސް ޕޮލިޓެކްނިކުން ހިލޭ ކުރިޔަށް ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ ފަތުރުވެރިކަމާއި، އާދަކާދަތަކާއި، އަދި ޚާއްސަ ގޮތެއްގައި ސަވާދީއްތަ ދަތުރު 2023 ބަނދަރުކުރެވޭ ރަށްރަށާއިބެހޭ މަޢުލޫމާތު ހިމެނޭ ފަދަ ގޮތަކަށް، ފަތުރުވެރިންނަށް ފުރިހަމަ މަޢުލޫމާތެއް ފޯރުކޮށްދެވޭނެ ފަދަ ޤާބިލް ބަޔަކު ތައްޔާރުކުރުމަށެވެ.

ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ސަގާފަތާއި، ޖަޒީރާ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާ ކުރުމަށް އަދި ގައުމުގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނަށް ދައްކާލުމާއި، މީހުން ދިރިއުޅޭ ރަށްރަށް އިޝްތިހާރު ކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ދަތުރެކެވެ. ސެއިލް ޓޫރިޒަމާއެކު ކޮމިއުނިޓީ-ބޭސްޑް ޓޫރިޒަމް ކުރިއެރުވުމަށާއި، އެ ފައިދާތައް ބޭނުންކޮށްގެން، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ހިފަހައްޓާފައިވާ މަޤާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ދަތުރު ފަށާނީ 1 މާރިޗު 2023 ގައި ނ.ލަންދޫންނެވެ. އެއަށްފަހު، ޅ.ހިންނަވަރު، ބ.ގޮއިދޫ، އއ.ތޮއްޑޫ، އއ.ރަސްދޫ، އއ.އުކުޅަސް، އދ.ދަނގެތި، އދ.ދިގުރަށުން ގޮސް ދަތުރު ނިމިގެންދާނީ އދ. މާމިގިލިއާ ހަމައަށެވެ.

މިޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތު ގައި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ބައިނަލްއަޤްވާމީ ރެލީއަކަށް އާރުކާޓީން ތަމްރީނުކުރަންޖެހޭ ބޭނުމާއި، މިފަދަ ތަމްރީނުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި އެކިއެކި ހަރުފަތްތައް ގިރާކުރަން ބޭނުންވާ ފަރާތްތަކަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެން އަންނަކަމަށާއި، ކޮވިޑް19 އަށްފަހު، އަދުގެ ސަރުކާރުން 'ރިޒިލިއަންޓް ވޯކްފޯސް' އެއް ބިނާކުރުމަށް ކުރެވޭ މުޙިއްމު މަސައްކަތްތަކުގައި، މިތަމްރީނު ޕްރޮގްރާމަކީވެސް އެ މަސައްކަތަށް އިތުރުވެގެން ދިޔަ ބޮޅެއްކަމުގައެވެ.

އަދި ހަމަ އެހެންމެ ސަވާދީއްތަ ދަތުރު އޮންނަ ދުވަހު، ތަމްރީނު ފުރިހަމަކޮށްފައި ތިބި ހުރިހާ އާރުކާޓީންވެސް، އެބޭފުޅެއް ތަމްޞީލުކުރައްވާ ރަށަކަށް އެދުވަހު ދުރުވެ، ފަތުރުވެރިންނަށް އެހީތެރިވުމުގެ މަސައްކަތްތަކުގައި ޝާމިލުވެ އުޅުއްވުމަށާއި، މި 10 ދުވަހުގެ ތަމްރީނު ޕްރޮގްރާމްގެ ބޭނުން، އެންމެ ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ރާއިދު ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން އަލްފާޟިލް ޑރ. އިބްރާހިމް ހަސަން ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހަމަ އެންމެހާ ފަރާތްތަކެއްގެ އަގު ވަޒަން ކުރައްވާކަމަށާއި، އާރުކާޓީން ތަމްރީނު ޕްރޮގްރާމްގެ ދަރިވަރުންނަކީ، ދެ ޖިންސުގެ ވަރަށް ޒުވާން ބޭފުޅުންތަކެއްކަމުން މިދާއިރާއަށް ޒުވާނުން ކެރިގެން ނިކުމެފައިވާތީ، އެކަން ފާހަގަކުރައްވާ ތަމްރީނު ޕްރޮގްރާމްގެ އެންމެހާ ބައިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިމެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް ހިންގެވުމާއި ޙަވާލުވެހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮ ހަޔަރ އެޑިއުކޭޝަން، މުހައްމަދު ހާޝިމް ދެއްކެވި ފާހަގަފުޅުގައި، މިތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް މިދާއިރާއިން ނުވަތަ ފަތުރުވެރިކަމުގެ އެނޫންވެސް ދާއިރާއަކުން ކުރިއަށްދާން ހުރި ފުރުޞަތުތަކާއި އަދި، ކުރިމަގުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރު އުސްމިންތަކަށް ވާސިލުވެގެން އަންނައިރު، ފުރިހަމަ ތަމްރީނު ލިބިފައި ތިބޭ އާރުކާޓީންނަށް ވަރަށް ގިނަ ފުރުޞަތުތައް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

މިތަމްރީނު ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން، ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކު ބާއްވަން ގަސްތުކޮށްފައިވާ ޔޮޓް ރެލީއެކެވެ.

ކިޔުންތެރިންގެ ހިޔާލު