މޯލްޑިވްސް ޓޫރިޒަމް އެވޯޑްގެ ޝަރަފުވެރި ދެ އެވޯޑެއް ކްރޮސްރޯޑް މޯލްޑިވްސްގެ ދެ ރިސޯޓަކަށް ލިބިއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ވަނީ މޯލްޑިވްސް ޓޫރިޒަމް އެވޯޑް ލޯންޗުކޮށް، އެވޯޑް 27 ފަރާތަކަށް ދީފައެވެ.

އޭގެ ތެރެއިން ޝަރަފުވެރި ދެ އެވޯޑެއް ވަނީ ކްރޮސްރޯޑްގެ ދެ ރިސޯޓަކަށް ވެސް ލިބިފައެވެ. އެ ރިސޯޓަށް ލިބުނު އެވޯޑްތަކަކީ:

  • ޕްރޮމޯޓިންގ ލޯކަލް މިއުޒީޝަން: ހާޑްރޮކް ހޮޓެލް މޯލްޑިވްސް
  • ސޭފަސްޓް ވޯކްފްލޭސް – ސައިލެގޫން ކްރޮސްރޯޑް

އެ އެވޯޑްތައް ކްރޮސްރޯޑާ ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މީގެ ކުރިންވެސް ކްރޮސްރޯޑްސް މޯލްޑިވްސް އާއި އެތަނުގެ ރިސޯޓްތަކަށް އެވޯޑްތަކެއް ލިބިފައި ވެއެވެ. އެގޮތުން ބައިނަލްއަގްވާމީ އެވޯޑްތައްވެސް މި ތަންތަނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ކޮންޑޭ ނާސްޓް ޓްރެވަލާސް އެވޯޑްސް އާއި ވޯލްޑް ލަގްޒަރީ އެވޯޑްސް އާއި ބުކިން.ކޮމް އާއި ޓްރިޕް އެޑްވައިޒަރ އިން އަހަރަކު އެއްފަހަރު ދޭ އެވޯޑްތައް ފާހަގަކޮށްލެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ކްރޮސްރޯޑްސް މޯލްޑިވްސްގައި ލައިފްސްޓައިލްގެ ދެ ރިސޯޓެއް ކަމަށްވާ ކަމަށްވާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ސައި ލޭގޫން މޯލްޑިވްސް ހިމެނެއެވެ. މި ދެ ރިސޯޓްގައި ތިބޭ ފަތުރުވެރިންނަށްވެސް ކްރޮސްރޯޑްސްގެ ދަ މެރީނާގެ ވަސީލަތްތަކާއި، ތަންތަނަށް ވަދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިޒާރުބެ

    އެންމެޝަރަފްވެރި އެވޯޑާ އެހެނިހެން އެވޯޑުތައް އެކިތަންތަނަށް ލިބުންއިރު ކްރޮސްރޯޑްގެ ވާހަކަ އެކަނި ލިއުމުން މިހަބަރުގެ ބޭނުމަކީ ކޮބާބާއޭ ހިތަށްއަރާ