ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނާތީ، ކާޑުތަކުން ރާއްޖޭން ބޭރުގެ ބައެއް އޮންލައިން ވެބްސައިޓުތަކުން ވިޔަފާރިކުރުމުގައި ދަތިތަކާއި ކުރިމަތިވެދާނެ ކަމަށް ބުނެފިއެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތިތައް ކުރިމަތިވަނީ ޕޭމަންޓް ގޭޓްވޭ އަދި ބީއެމްއެލް އިން ދޫކުރާ ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ކުރަމުން އަންނާތީ ކަމަށެވެ.

ދަތިތައް ދިމާވާނީ ރާއްޖޭން ބޭރުގެ ބައެއް އޮންލައިން ވެބްސައިޓުތަކުން ވިޔަފާރިކުރުމުގައި ކަމަށާއި ރާއްޖޭން ބޭރުގެ އޭޓީއެމް އަދި ޕީއޯއެސްގައި އެއްވެސް ދައްޗަކާއި ނުލާ ވިސާ ކާޑު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަޕްގްރޭޑް މަސައްކަތް ވީހާ ވެސް އަވަހަށް ނިންމައި ހިދުމަތް އަލުން ފެށުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަޕްގްރޭޑް ނިމުމުން ބޭންކުން ކަސްޓަމަރުންނަށް އަންގާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ އަޕްގްރޭޑިން މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކާ މައާފަށް އެދެމެވެ.

ކާޑުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން އަޕްގްރޭޑިން މަސައްކަތެއް ކުރަމުންދާކަމަށް ބީއެމްއެލް އިން ބުނިއިރު މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ނޭނގި މީހުންގެ ކާޑު ބޭނުން ކޮށްގެން ފައިސާ ވަގަށް ނެގުމާއި ވީނުވީއެއް ނޭނގި އެކައުންޓުން ފައިސާ ކެނޑޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ނަމަވެސް ބޭންކުން ބުނާ ގޮތުގައި އެފަދަ މައްސަލަތައް ދިމާވަނީ ކަސްޓަމަރުންނަށް ކޮންމެވެސް ގޮތަކުން އިންޓަނެޓް ބޭންކިންގެ މައުލޫމާތާއި ކާޑުގެ މައުލޫމާތު މަކަރާއި ހީލަތް ހަދާ މީހުންނަށް ފޯރުކޮށްދެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    ކަސްޓަމަރުންގެސަބަބަކުންނޫން ގިނަފަހަރުއެކަންހިންގަނީ ބޭންކުތެރެއިން ގަބޫލުކުރުއަސް ނުކުރިއަސް ހަގީގަތަކީއެއީ

    14
    1
  2. މަ

    އަދިވެސް އާންމުންގެ ބޮލައް ޖަހާ

    10
    1
  3. ފާއިޒް

    އަބަދުވެސް އަޕްގްރޭޑް ކަންކުރަނީ ތަނުގަ ތިބި ނޭއްގާނީ ބަޔަކާ ގުޅިގެން އެމީހުންނައް ބައި އަޅާގެން ދެން ކޮން ވާހަކަ އެއް..

  4. ކޮރަލް

    މަކަރާ ހީލަތުން ފައިސާ ނެގިއަސް އަދަބެއް ނުދެވެ އެވެ. ދެން އެކަން ކުރާ ބަޔަކު ހުއްޓުވަން މަސައްކަތް ކުރާ އިރަށް އިތުރަށް އާ ގޮތް ތަކެއް ހޯދައިގެން ވަގައްފައިސާ ނަގަނީ އެވެ. މިއީ ދޫކޮށްލާފަ އޮތް ކަމކެވެ.

  5. އަޖާއިބެއް

    ބޭންކުތެރެއިން ކުރާ ވައްކަން ހުއްޓޭވަރުގެ ސެކިއުރިޓީއެއްތަ!

    14
    1