2022 ވަނަ އަހަރުގެ ނޮވެމްބަރު 01 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު "ކަށަވަރު ޕްރޮމޯ 2022" ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ކަށަވަރު ޝޯރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޕްރޮމޯގެ ނަސީބުވެރި ފަރާތާއި އިނާމު ހަވާލުކޮށްދެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. "ކަށަވަރު ޕްރޮމޯ 2022"ގެ ނަސީބުވެރި ފަރާތަކީ އއ.އުކުޅަސް، ޖަވާހިރުމާގޭ، ޙުސައިން ނަސީރުއެވެ. އޭނާ އަށް ޔަންމާ 35 ހޯސްޕަވަރުގެ "4JHYE" މޮޑެލްގެ އިންޖީނެއް ވަނީ ލިބިފައެވެ.

އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކަށަވަރު ޕްރޮމޯ" ގެ މަޤުސަދަކީ އޮޑިވެރިންކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ މިކުންފުނީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.

މި ޕްރޮމޯގެ ދަށުން އެމްޓީސީސީން ވަނީ އެ ކުންފުނިން ވިއްކާ ބައެއް ޕްރޮޑަކްޓްތަކަށް ޑިސްކައުންޓް ދީފައިއެވެ. އެ ޕްރޮޑަކްޓްތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއަރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބޭޑަރ ފައިބަރު ސާމާނު، މާރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތަކެވެ.

"ކަށަވަރު ޕްރޮމޯ 2022" ކުރިއަށް ދިޔަ މުއްދަތުގެ ތެރޭ ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުންވަނީ ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު