މިދިޔަ އަހަރު ފަހު ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 212 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ބީއެމްއެލްއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 489 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.48 ބިލިއަށް ރުފިޔާ ލިބިފައެވެ. ބީއެމްއެލްއިން ބުނީ އެ ނަތީޖާ ހާސިލް ކުރެވިފައިވަނީ ހުރިހާ ދާއިރާއަކުންވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓިގެން ކަމަށެވެ.

މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައި ވެއެވެ.ހަމަ އެހެންމެ ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފަހައްޓައިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރ ގައި ހާސިލްކުރެވިފައިވާ ހަރުދަނާ ނަތީޖާއަށް ފަހު މިއަހަރު ބީއެމްއެލްގެގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ނުހަނު އިސްކަމެއްދީގެން މަސައްކަތްކުރަމުންދާނެ ކަމަށެވެ.

"2022 ވަނަ އަހަރަކީ ބޭންކަށް ވަރަށްވެސް ހާއްސަ އަހަރެއް. އެއީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރި އަހަރު. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމްލަ 12 ހަރަކާތެއް މިވަނީ ހިންގާފައި. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ." ކާލް ވިދާޅުވި އެވެ.

ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މަރޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ދެމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުފައްކިރު.

    ރައްޔަތުން އަތުން އިންޓްރެސްޓް ބޮޑުކުރީމަ އަދިވެސް ފައިދާ އިތުރުވާނެ. ޚިދުމަތް މިދެނީ ރައްޔަތުން ފެލާލަންވެގެންބާއޭ ހިތަށް އަރާ.