މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އާ ހަމައަށް ރާއްޖެ އަށް ވަނީ 428،817 ފަތުުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރާ އަޅާކިޔާއިރުވެސް ވަރަށް ބޮޑު އިތުރުވުމެކެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 2021 ވަނަ އަހަރު ރާއްޖެ އައިސްފައި ވަނީ 231،657 ފަތުރުވެރިންނެވެ. އަދި 2022 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި އައިސްފައި ވަނީ 345،742 ފަތުރުވެރިންނެވެ.

މި މަހުގެ މިހާތަނަށް ރާއްޖެއަށް 74،404 ފަތުރުވެރިން އައިސްފައިވާއިރު، މިއީވެސް މިދިޔަ ދެ އަހަރާ އަޅާކިޔާއިރު އިތުރު ވުމެކެެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެ ލިސްޓްގެ ދެވަނައިގައި އޮތް އިންޑިއާއިން 46،600 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 40،143 ފަތުރުވެރިން އައިސްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިވަގުތު 172 ރިސޯޓެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި 13 ހޮޓަލެއް އޮޕަރޭޓް ކުރަމުންދާއިރު، 891 ގެސްޓް ހައުސްއެއް އޮޕަރޭޓް ކުރަމުން ދެެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެޔޮ

    ކިތަންމެ ވަރަކަށް އަޔަސް އަހަރުމެންގެ ރިޒާވު ދަށަށް ދަންޏާ އަދި ތަކެތީގެ އަގުބޮޑުވެ އަނގަޔާ އަތާ ދިމާނުވަންޏާ ކީއްކުރާ ފަތުރުވެރިކަމެއް؟؟؟؟؟ރަށްތައް އަތުލާ ކައްޓަލަ ހައްދަން