ގދ. ފަރެސްމާތޮޑާގެ އެއާޕޯޓާއިއެކު ހުވަދު އަތޮޅުގެ އިގްތިސާދަށް ހަތް މިލިއަން ރުފިޔާ އިތުރަށް ވަންނާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ރިޒްވީ މިހެން ވިދާޅުވެފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަރެސްމާތޮޑާ އެއާޕޯޓާއި އެކުގައި އުފެދިގެން ދިޔަ ވަޒީފާތަކާއިއެކުގައި އެ ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އެ އެއާޕޯޓްގައި މިހާރު މަސައްކަތް ކުރަމުންދަނީ 45 މުވައްޒަފުންނެވެ.

ރިޒްވީ ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓްގެ ވަޒީފާތަކަށް ހުޅުވާލި ފުރުސަތުގައި 150 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ.

އިގްތިސާދު ލާމެހި ރަށު ބަންދުން ވީއްލި ރައްޔިތުން އެދޭ ދިރިއުޅުން ފަރެސްމާތޮޑާ އާއި ހުވަދޫ ވަނީ ފައްކާވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެއާޕޯޓުތައް ހިންގުމަށް އަޅުގަނޑުމެން އަބަދުވެސް ތައްޔާރު. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވާފައިވާއިރު މި ހުރިހާ ހިދުމަތްތަކެއް ފުރިހަމަވާނެ." ރިޒްވީ ވިދާޅުވި އެވެ.

އެއާޕޯޓުތަކުގައި ނައިޓް ލޭންޑިން ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވަމުން ރިޒްވީ ވިދާޅުވީ ކުޅުދުއްފުއްޓާއި، ހޯރަފުއްޓާއި، މާވަރުލުގައި ރޭގަނޑު ދަތުރު ކުރެވޭނެ ގޮތަށް ލައިޓު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ގދ. އަތޮޅުގައި ތަރައްގީކޮށް، ހިންގަމުންދާ ތިން ވަނަ އެއާޕޯޓެވެ.

މި އެއާޕޯޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ އެއް އެއާޕޯޓަށް ވާއިރު، މިއީ މިހާތަނަށް ތަރައްގީ ކުރެވިފައިވާ އެންމެ ސްޓޭންޑާޑް ރަނގަޅު ޑޮމެސްޓިކް އެއާޕޯޓެވެ.

ޖުމްލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުހުތާން

    މި ރިޒްވީ މީ އަނެއްކާ ހަމަ މީހެއްތަ. ރާއްޖޭގެ ހުރިހާ އެއަރޕޯޓަކަށް ހުދުހެން ޖެހެނީ މޯލްޑިވިއަންއިން އެތަނުގައި އޮތީ 20 ވަރަކަށް މަތިންދާ ބޯޓް.. ދެން މި ބޯޓްތަކުގެ ހާލަތު ރަނގަޅުވާނީ ނުދެއްކިއްޔާ.. ހުރީ ދަބަރައްވެ ބޭނުންނުކުރެވޭ ދަރަޖައަށް ގޮސް ...މި ބުނާ ކުންފުނީގެ ދަރަނި 100 މިލިއަނުގަ އުޅޭއިރު ކުންފުނީގެ މަތީފަންތީގެ މީހުންގެ މުސާރަ އެއްލައްކައިން މަތީގަ...ދެން މިފްކޯއިން މަސްދަޅު އަގު ބޮޑުވިއަސް މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުވޭ. މިވަރުވީމަ އިޤްތިސާދަށް 7 މިލިޔަން ކީއްކުރަންތޯ ބައިރުފިޔާވެސް ނުވަންނާނެ...