ރާއްޖޭގެ އެކި ކަންކޮޅު ތަކަށް މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް މިފްކޯއިން ބުނެފިއެވެ.

މިދިޔަ 4 އަހަރަށް ބަލާއިރު ވެސް މި ދުވަސްވަރަކީ އެންމެ މަސްވެރިކަން ރަނގަޅު ދުވަސްވަރު ކަމަށް މިފްކޯ އިން ބުނެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އިއްޔެ މިފްކޯއަށް 36 ދޯންޏަކުން 250 ޓަނުގެ މަސްކިރާފައިވާ ކަމަށެވެ.

މިދިޔަ ހަތަރު އަހަރަށް ބަލާއިރު މަސްވެރިކަން މިދުވަސްކޮޅު ރަނގަޅު ނަމަވެސް މަހަށް ނިކުންނަ ދޯނިތަށް މަދުކަމަށް ފައުޒީ ވިދާޅުވިިއެވެ. މަހަށް ނިކުންނަ ދޯނިތަކުގެ އަދަދު މަދީ ރޯދަމަސް ކައިރިވެފައި ވީމާ ކަމަށް ބެލެވޭ ކަމަށާއި ދެތިން ރޯދައެއް ހިފުމަށް ފަހު އަލުން މަހަށް ނިކުންނަ ދޯނިތައް އިތުރުވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅުވެފައި ވާއިރު މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓު ރާއްޖެ އައުމަށް ފުރާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. މަސްކިރުމުގެ ހުރި ދަތިތަކަށް ހައްލު ހޯދުމަށް މިފްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަސްކިރާ އާބޯޓު "ޖަޒީރާ 103" ކޮރެއާއިން ރާއްޖެ އައުމަށް ފުރާފައިވާ ކަމަށާއި، އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ. އަދި ދެކުނުގެ މަސްކިރުމަށް ހުރި ދަތިތަކަށް މި ބޯޓު އައުމުން ހައްލު ލިބިގެންދާނެ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

މި ދުވަސްވަރަކީ ރޯދަމަސް ކައިރިވެފައި ވުމުން މަސްވެރިކަމަށް ވަރަށް ޑިމާންޑް ބޮޑު ދުވަސްކޮޅެކެވެ.