މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 555،537 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަށް ވަނީ 555،537 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރާއި 2021 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 31،609 ފަތުރުވެރިން އައިސްފައި ވެއެވެ.

ދުވާލަކު އެވްރެޖްކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އުޅެނީ 5،848 ގައެވެ. އަދި ރާއްޖޭގައި ފަތުރުވެރިން އެވްރެޖްކޮށް އަށް ރޭ މަޑުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް 68،102 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ލިސްޓްގެ ދެވަނައިގައި އޮތް އިންޑިއާއިން 58،859 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައި ވަނީ 55،093 ފަތުރުވެރިންނެވެ.

މިވަގުތު ރާއްޖޭގެ 170 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 13 ހޮޓަލް އަކާއި، 896 ގެސްޓް ހައުސްއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ. އަދި 153 ސަފާރީ ވެސަލްވެސް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީޒްލީ

    މިހާވަރަށް މީހުން ރާއްޖެ އައިސްފިއެވެ. ދެން ޤައުމަށް ވީ ކޮން ފައިދާއެއްހޭ! ރާއްޖޭގެ ޙަޒާނާއަށް ތިޔަކުން ބައިކުޅަބައެއް ވެސް ނުވަދެއޭ! އެއްކަލަ އިންވެސްޓްކޮއްގެން ބޭރުގައި އެކައުންޓް ހުޅުވާފައިވާ ބޭރުމީހާ އުފަލުން ހަމަ ފޮޅެނީއެވެ. މިކަން ކަން ބަދަލް ކުރާނެ ވެރިއެއް ސަރުކާރެއް ހަމަ ނެތީއެވެ. ތިޔަ ވިދާލުވާ ބޭރުމީހުންގެ އަތުން 1 ޑޮލަރެއް މިޤައުމުގެ އެކައުންޓަކަށް ވަނަސް މިޤައުމު 100 ކިލޯމީޓަރ ސްޕީޑްގައި ކުރިއަރާނެ! މިހާރު ފިނިހަކަ ސްޕީގައި މިއޮތްގެން ދުވަނީ!

  2. އާދަނު

    ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީގެ ކަމަކީ އަތުންފައިން މަސައްކަތެއްނުކޮށް ، ރާއްޖެއަންނަ ޓޫރިސްޓުންގެ ޢަދަދު ގުނާލަގުނާލަ ތިބުމެވެ. ޓޫރިސްޓުން ގިނަކުރުމަށް ޔާމީންގެ ސަރުކާރުން އަމާޒުހިފައި ، ދަތި ފަސް އަހަރުން ބިނާކުރި ފުރިހަމަ ވެލާނާ އެޔަރޕޯޓާއި މާފަރު އެޔަރޕޯޓާއި 75 ރިސޯޓު ގެ ވާހަކަވެސް ކިޔަލާނަމަތާ ރަގަޅުވާނީ!

  3. އިބްރާހިމް

    ބޭކާރު ކަމެއް. ދުވަހެއް ދުވަހަކަށް ޑޮލަރުގެ އަގު ދަނީ މަތިވަމުން.