ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި، މި އޭޓީއެމްތަކަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

އެ ބޭންކްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކާރލް ސްޓުމްކަ ވިދާޅުވީ، އެ ބޭންކުގެ ސްޓްރެޓަޖީ ގައި ހިމެނޭ އެންވައިރަމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސް (އީއެސްޖީ) ގެ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ - ފޮޓޯ: ބީއެމްއެލް

"އަޅުގަނޑުމެން އަމިއްލަ މިސްރާބެއްގައި މަސައްކަތް ކުރާއިރު އަދި އަޅުގަނޑުމެންގެ ސްޓްރެޓަޖީ ދުވަހުން ދުވަހަށް ބަދަލުވަމުންދާއިރު އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް. މިއަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު، އަޅުގަނޑުމެން މި ބަލަނީ ހުރިހާ އޭޓީއެމްއަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް. އަދި އަޅުގަނޑުމެންގެ ބްރާންޗުތަކުގެ އަލަށް ކުރާ މަރާމަތުގެ މަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެމެހެއްޓެނެވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް."

ބޭންކުގެ ކުރިމަގާމެދު ވާހަކަ ދައްކަވަމުން ކާރލް ވިދާޅުވީ މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެއީ ހުއްޓުވޭނެ ކަމެއްވެސް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް. ރާއްޖޭގެ މާކެޓްގައި އަޅުގަނޑުމެންގެ ލިބިފައިވާ ކުރިއެރުމާއެކު އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓްތަކާއި އައު މަގުތައް ހޯދަންޖެހޭ. އަޅުގަނޑުމެންގެ ކާމިޔާބު މިނިގެންދާނީ ކަސްޓަމަރުން އަޅުގަނޑުމެންނާއެކު ބޭންކިންގ މުއާމަލާތް ކުރަން 'ޖެހޭ' ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އަޅުގަނޑުމެނާއެކު ބޭންކިންގ މުއާމަލާތް ކުރަން 'އެދޭ' ބަޔަކަށް ބަދަލުކޮށްގެން. އަދި މި ބަދަލު ގެނައުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރަންޖެހޭ." ކާރލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެމަނަފުށި

    އިރުގެ ހަކަތަ ބޭނުންކޮއްގެން އޭޓީއެމް އަށް އަމިއްލައަށް ލާރި އެޅޭނެ ނިޒާމެއް ގާއިމް ކޮއްފަ ހުންނަނަމަ އޭޓީއެމް އިން ލާރި ހުސްވެގެން އަބަދު ބެންކަށް ގުޅާކަށް ނުޖެހުނީހެއްނުން. މިރަށުގައި ހުންނަ އޭޓީެމުން ލާރި ނެގޭނީ މަހަކު އެއްފަހަރު ނޫނީ ގިނަވެގެން ތިންފަހަރު. އިރުގެ ހަކަތަ ބޭނުން ކުރަން ފެށުމުން ލާރި ހުސްނުވާނެކަމަށް މިބަލަނީ