ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރްއަށް ދަތުރުތައް ފަށަން ތައްޔާރުވަމުންދާކަން އިއުލާނު ކޮށްފިއެވެ.

މޯލްޑިވިއަނުން މިހާރުވެސް ރާއްޖޭގައި އެއާޕޯޓް ހިންގާ ގާތްގަނޑަކަށް ހުރިހާ މަންޒިލަކަށް ދަތުރު ކުރެއެވެ. އަދި އިންޑިއާގެ ދެ މަންޒިލެއް ކަމަށްވާ ޓްރިވިންޑްރަމް އަދި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރު ކުރެއެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން އެގްޒެކެޓިވް އަހްމަދު މުޝް އިލް ސޮބާހް "ވަގުތު"އަށް ވިދާޅުވީ، އެ އެއާލައިނުން މި އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށާނެ ކަމަށެވެ.

މިގޮތުން އޭގެ ހަފްތާއަކު ދެ ދަތުރު ރާއްޖެ އާއި ބެންގަލޫރް، އަދި ބެންގަލޫރް އާއި ރާއްޖެ އާ ދެމެދު ބާއްވާނެ ކަމަށް މުޝް އިލް ވިދާޅުވިއެވެ.

"މޯލްޑިވިއަނުން ބެންގަލޫރަށް ހަފްތާއަކު ދެ ފްލައިޓް މި ބާއްވަނީ، އެއީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު. މި ޝެޑިއުލް ފަރުމާކޮށްފައި ވަނީ ޗުއްޓީ ހޭދަކުރާ މީހުންނާއި ވިޔަފާރީގެ ދަތުރުވެރިންގެ ބޭނުންތަަކަށް ހާއްސަކޮށް، އަދި މިޑް-ވީކެންޑް ދަތުރުތަކަށް ފުރުސަތު ލިބޭ ގޮތަށް.". މުޝް އިލް ވިދާޅުވިއެވެ.

މޯލްޑިވިއަންގައި ބެންގަލޫރަށް ދާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ޓިކެޓް ގަތުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ބެންގަލޫރްއަކީ މިހާރުވެސް ވިޔަފާރީގެ ބޭނުންތަކަށާއި، އަދި ޗުއްޓީ ދަތުރުތަކުގެ އިތުުރުން، ބޭސްފަރުވާއަށްވެސް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިޓީއެކެވެ. އެ ސިޓީ އާއި ރާއްޖެއާ ސީދާ ގުޅުވާލުމުން، އެތައް ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބިލީސް

    އެކީއްކުރަން؟ ރައްޔިތުން އަތުން އިތުރަށް ފެލާލަންވެގެންތަ؟ ޓްރިވެންޑްރަމް ސެކްޓަރ މޮނިޕޮލައިޒް ކޮއްގެން މިހާރު އުޅޭގޮތަށް؟

    4
    1