ދިރާގު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް ފަސޭހަކަމާއެކު ޗެކްކޮށް މެނޭޖްކުރެވޭ މުޅިން އައު ޕޯޓަލްއެއް އެކުންފުނިން ލޯންޗުކޮށްފިއެވެ.

މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދާދި ފަހުން އަމަލުކުރަން ފެށި މޯބައިލް ނަންބަރު ރެގިއެލޭޝަނާއި ގުޅިގެން އައި މޯބައިލް ނަންބަރު ލިމިޓޭޝަންއާއެކު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ. މި ރެގިއުލޭޝަންއާއެކު ވާގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވާރކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންގެ ނަމުގައި ކޮންމެ ނެޓްވާރކެއްގައި އެންމެ ގިނަ ވެގެން ރަޖިސްޓްރީ ކުރެވޭނީ 3 މޯބައިލް ނަންބަރެވެ. ނަމަވެސް މި ލިމިޓޭޝަންގައި ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނޭނެއެވެ.

އެހެންކަމުން ދިރާގުން އަލަށް ތައާރަފްކުރި މި މައިސާވިސް ޕޯޓަލް މެދުވެރިކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި، ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރުވާ މޮބައިލް ނަންބަރުތަކަށް ބޭނުން ފިޔަވަޅެއް އެޅޭނެއެވެ.

ދިރާގު މައިސާވިސް ޕޯޓަލް މެދުވެރިކޮށްގެން 24 ނޮވެމްބަރުގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް އެފަރާތްތަކަށް މެނޭޖް ކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު އައު އޮފާރތަކާއި ސަރވިސްތައް އެންމެ ފަސޭހަ އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު