ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓު އިން ތައާރަފް ކޮށްފައިވާ 'ޕާރޓްނަރސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ދިރާގުން ބައިވެރިވެ ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ވަނީ ނިންމައިފިއެވެ.

ދިރާގުން ދަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރއެއްގެ ގޮތުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިރާގުން ބުނީ އެ ކުންފުނިން ރެޑް ކްރެސެންޓްގެ 'ޕާރޓްނަރސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައި އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީކުރުމަށްވެސް މަގުފަހިވެގެންދެއެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް, ދިވެހި ރެޑްކްރެސެންޓް އިން ކުރައްވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އިޖުތިމާޢީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަންއާ ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ޤާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު