ފާއިތުވީ އޮގަސްޓުމަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް 1.2 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 14 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުން އަދަދަކީ 151،587 އެވެ. މީގެ ތެރޭގައި ޗައިނާއިން އައި ޓޫރިސްޓުން އަދަދަކީ 28،939 އެވެ.

ތަފާސްހިސާބުތަކުންދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ލިސްޓުގެ ދެވަނައިގައި 17،944 ފަތުރުވެރިންނާއިއެކު އޮތީ ރަޝިޔާއެވެ.

އަދި ތިން ވަނަ ގައުމަކަށް އޮތީ އިންޑިޔާއެވެ. އެއީ 12،646 ފަތުރުވެރިންނާއިއެކުގައެވެ. އެ ލިސްޓުގެ ހަތަރު ވަނައަށް އިޓަލީ ޖެހިލާފައިވަނީ 10965 ފަތުރުވެރިންނާއިއެކުގައެވެ. މި ލިސްޓުގެ ފަސްވަނައަށް އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސި ވިލާތުން މިދިޔަމަހު ޒިޔާރަތްކުރީ 10،809 ފަތތުރުވެރިންނެވެ.

އެންމެ ގިނަ ޓޫރިސްޓުން މިހާރު އަންނަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް މުޅި އަހަރަށް ބަލާއިރު އަދިވެސް އެއްވަނައިގައި އޮތީ ކޮވިޑު ދުވަސްވަރުން ފެށިގެން ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ރަޝިއާ އެވެ. ދެވަނައިގައި އޮތީ މިދިޔަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު