މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން ރީޖަނަލް ޕޯޓިތަކަށް ފޮނުވާ ކޮންޓެއިނަރުތަކުގެ ފީއަށް ލުޔެއް ދީފިއެވެ.

އެމްޕީއެލްއިން ވިދާޅުވީ މާލޭ ކޮމާޝަލް ހާބާ އަދި އިންޓަނޭޝަނަލް ޓާމިނަލްއިން ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕް ކުރާ ލޭޑަން ކޮންޓޭނަރުތަކުގެ ހެންޑްލިން އަދި ވޯފޭޖް ޗާޖު އަދި އެމްޕްޓީ އަންލޯޑިން އަދި ސްޓީވަޑޯރިން އަދި ހޭންޑްލިން ޗާޖާސްއަށް 25 ޕަސެންޓް ލުޔެއް ދީފައިވާ ކަމަށެވެ.

އަދި އެ ބަދަލާއެކު މާލެއާއި އަތޮޅުތަކާއި ދެމެދު އޮތް ވިޔަފާރީގެ ލޮޖިސްޓިކަލް ވިއުގަ އިތުރަށް ފުޅާވެ ފަސޭހަތަކެއް ލިބިގެން ދިއުމަށް އިތުރު ބާރަކަށް ވާނެކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އާ ރޭޓުތަކަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

އާ ރޭޓުތަކުގެ ދަށުން 20 ފޫޓުގެ ކޮންޓެއިނަރެއް ހެންޑަލް ކުރުމަށް ދެން ޖީއެސްޓީއާއެކު ނަގާނީ 1395.39 ރުފިޔާއެވެ. އަދި 40 ފޫޓުގެ ކޮންޓޭނަރަކުން ދެން ނަގާނީ 2790.11 ރުފިޔާއެވެ. އަދި 45 ފޫޓުގެ ކޮންޓޭނަރަކުން ނަގާނީ 3859.25 ރުފިޔާއެވެ.

އެމްޕީއެލްއިން ޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ހިދުމަތްތައް ވަނީ ޑިޖިޓަލައިޒްވެސް ކޮށްފައެވެ.