އެމްޓީސީސީން ވިއްކާ އިންޖީނު ގަންނަ ފަރާތްތަކަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީއެވެ.

މި އެއްބަސްވުމުގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 އެޗްޕީ އިން 325 އެޗްޕީ އާހަމައަށް) 8 ޕަސެންޓްގެ ޑިސްކައުންޓެއް އަދި ޔަންމާ (35 އެޗްޕީ އިން 1400 އެޗްޕީ އާހަމައަށް) އިންޖީނުން 5 ޕަސެންޓްގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައެވެ. އަދި މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ދިގުމުއްދަތަށް ބަހާލައިގެން އިސްލާމީ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން އިންޖީނަށް ފައިސާދައްކާ ހަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ.

އެމްޓީސީސީން މައުލޫމާތުދެއްވާގޮތުން ކަސްޓަމަރުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި އެ ބޭންކްއާ ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މީޑިއާއާއި މީސް މީޑިއާގެ ޕްލެޓްފޯމްތަކާއ،ި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސިސީން ވިދާޅުވީ، މި ޕްރޮމޯޝަންގެ މަގްސަދަކ،ީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއިގޮތްތައް ހޯދައިދިނުމާއ،ި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަހަރަކާތްރަކުގައި ޝާމިލުވާއުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

އެމްޓީސީސީ ކަށަވަރަކީ ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާންމު ދަތުރުފަތުރުގެ ތެރެއިން ފަސިންޖަރުންނާއި މުދާ އުފުލުމުގައި ބޭނުންކުރާ އޮޑިފޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ މެދުގައި ނަން މަޝްހޫރު ޝޯރޫމެކެވެ. މިއީ ދޯނިފަހަރުގައި އަޅާ އިންޖީނާއި، މިފަދަ އުޅަނދު ބަނދެ، މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދޭ، އާންމުންގެ މެދުގައި މަގުބޫލު ޒަމާންވީ އެކުވެރިއެކެވެ.

ކަށަވަރު ޝޯރޫމް ވުޖޫދަށް އައުމުގެ ބިންގާއެޅުނީ 1980 ވަނަ އަހަރު އެވެ. އޭރު ސަރުކާރުން ހިންގަމުންދިޔަ "މޯލްޑިވްސް އިންޖީނު ސާވިސް ސެންޓަރު" އެމްޓީސީސީގެ ދަށަށް ގެނެސް "އެމްޓީސީސީ ސޭލްސް ސެންޓަރު"ގެ ނަމުގައި ހިންގަން ފެށުމާއެކުއެވެ.

އެންމެ ފުރަތަމަ މިތަނުން ދެމުންދިޔަ ހިދުމަތްތަކަކީ ދިވެހި މަސްވެރި އުޅަނދުފަހަރަށް ހާއްސަކޮށް ޔަންމާ އިންޖީނު ވިއްކުމާއި އަޅައިދިނުން އަދި މަރާމާތު ކުރުމުގެ ހިދުމަތެވެ. 1994 ވަނަ އަހަރު އެމްޓިސީސީ ސޭލްސް ސެންޓަރުގެ ނަން "ޔަންމާ ސޭލްސް އެންޑް އާފްޓަރ ސޭލްސް"ގެ ނަމަށް ބަދަލުކުރެވުނެވެ. އަދި ޒަމާން ބަދަލްވެ، ވިޔަފާރި ފުޅާވެ، އެމްޓީސީސީ ކަށަވަރުން ލިބޭ ބްރޭންޑްތަކާއި، ހިދުމަތްތައް އިތުރުވަމުންގޮސް، 2007 ވަނަ އަހަރު މިތަނުގެ ނަން "އެމްޓީސީސީ ކަށަވަރު"ގެ ނަމަށް ބަދަލުކުރިއެވެ.

މިއަދު އެމްޓިސީސީ ކަށަވަރަކީ އޮނޑިދޯނިފަހަރަހަށް ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަޤީންކަމާއި އެކު އަތްފޯރާފަށުގައި ލިބޭ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު