ރ. އަތޮޅު އިފުރު އެއާޕޯޓާއިއެކު ތަރައްގީކުރި ރިސޯޓް، އިފުރު އައިލެންޑް މޯލްޑިވްސް ހުޅުވައިފިއެވެ.

އެ ރިސޯޓުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިފުރު އައިލެންޑް މޯލްޑިވްސް ހުޅުވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގައެވެ އެ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ހިއްސާދާރުންނާއި ހާއްސަ މެހެމާނުން ބައިވެރިވި ކަމަށް ރިސޯޓުން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ހުޅުވި އެ ރިސޯޓަކީ އޯލް އިންކްލޫސިވް ޕްރިމިއަމް ރިސޯޓެކެވެ. އެތަން ތަރައްގީ ކޮށްފައިވަނީ 147 ވިލާ އާއި ސުއިޓް ހިމެނޭ ގޮތަށެވެ. އަދި މިއީ އެއާޕޯޓަކާއިއެކު ރާއްޖޭގައި މިހާތަނަށް ތަރައްގީކޮށްފައިވާ ދެވަނަ ރިސޯޓެވެ.

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި އެތަނުގައި ހަ ރެސްޓޯރެންޓަކުން ދުނިޔޭގެ އެކި ކެއުންތައް ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެތަނުގައި ހަތަރު ބާ އެއްވެސް ހިމެނެއެވެ.

ދުނިޔޭގެ ސްކައިޑައިވާ ޗެމްޕިއަންގެ މަގާމު ހޯދާފައިވާ ވިލް ޕެނީއާއިއެކު އެ ރިސޯޓުން ވަނީ ރާއްޖޭގެ ފުރަތަމަ ސްކައިޑައިވިއިން ޕޮއިންޓް ކަނޑައަޅާފައި ކަމަށާއި އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ކުޅިވަރުގައި ބައިވެރިވެވޭނެ ކަމަށް ވެސް ރިސޯޓުން ބުނެފައިވެއެވެ.

އޭގެ އިތުރުން ވެސް އެ ރިސޯޓްގައި ފަތުރުވެރިންނަށް ހާއްސަ ކުޅިވަރުތަކާއި ސްޕާގެ ހިދުމަތްތައް ލިބޭނެ ފެސިލިޓީތައް ގާއިމްކޮށްފައި ހުންނާނެ ކަމަށްވެސް ބުންޏެވެ. އެގޮތުން އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި 24 ގަޑިއިރު ހިދުމަތް ލިބޭ ފިޓްނެސް ސެންޓަރެއް އެތަނުގައި ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

އިފުރު އެއާޕޯޓާއި ރިސޯޓް ތަރައްގީކޮށްފައިވަނީ ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ (ޓީއެސްއެމްއައިސީ) އިންނެވެ. އިފުރު އެއާޕޯޓް ހިންގަމުންދަނީ އައިލެންޑް އޭވިއޭޝަނުންނެވެ. އިފުރަކީ 56.52 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙޫށށާ

    އެއާޕޯޓަކާއިއެކު ރާއްޖޭގައި މިހާތަނަށްތަރައްގީކޮށްފައިވާ1ވަނަ ރިސޯޓެވެ

    • ޔޯލަ

      ކޫއްޑޫއަކީ ފުރަތަމަ. ތި ދެވަނަ!