އިންތިހާބީ ރައިސް ޑރ،މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި މުޅިން އަލަށް ފެށުމަށް 314 މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓްރީން މިވަނީ ހާމަކޮށްފައެވެ. ބަޖެޓުގައި ބުނާ ގޮތުން ދެން އަންނަ ސަރުކާރެއްގައި މުޅިން އަލަށް 314 މަޝްރޫއެއް ބަޖެޓުގައި ހިމަނާފައިވާއިރު، އެ މަޝްރޫޢުތަށް ކުރިއަށް ގެންދަން ބަޖެޓްގައިވަނީ 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ދެން އަންނަ ސަރުކާރެއްގައި ޖުމްލަ 458 މަޝްރޫއެއް ކުރިޔަށް ގެންދާނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ 144 މަޝްރޫއަކީ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކެވެ. އެގޮތުން އެއަރޕޯޓުތައް އެޅުމާއި، ރަށްރަށުގެ މަގުތައް ހެދުމާއި، ބިން ހިއްކުމާއި ސިއްޙީ މަރުކަޒުތަކާއި ރަށްރަށުގެ ސްކޫލްތައް އެޅުމާއި މަރާމާތު ކުރުން ފަދަ މަޝްރޫޢުތަކަކީ މިސަރުކާރުން ފަށާފައިވާ މަޝްރޫއުތަކެވެ.

އިންތިހާބީ ރައީސް އެންމެ އިސްކަމެއް ދީގެން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ބަޖެޓުން ފާހަގަވާން އޮތް އެންމެ މުހިންމު މަޝްރޫއަކީ 400 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައި އޮތް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއެވެ. މި މަޝްރޫއު ހިންގުމަށް ބަޖެޓްގައި މިއަދަދަށް ފައިސާ ހިމަނާފައިވި ނަމަވެސް، މިފައިސާ ހޯދާނެގޮތެއް ބަޖެޓުގައި ހިމަނާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ޑރ.މުއިއްޒުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނެ ކަމަށް ވައުދުވެފައިވާ ކަމެކެވެ. އެހެންކަމުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފުށިދިއްގަރުފަޅުގެ 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު މި ބިމުގައި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެފައެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅުވާލާ ބްރިޖު މިމަޝްރޫޢުގެ ސާރވޭއަށް ބޭނުންވާ 30 މިލިއަން ރުފިޔާވެސް ބަޖެޓުގައި ހިމަނާފައިވެއެވެ. މި ބުރިޖު ވެގެންދާނީ އެހާތަނާއި ހަމައަށް ރާއްޖޭގައި ހަދާނެ އެންމެ ދިގު ބުރިޖު ކަމުގައެވެ. މިގޮތުން އެ މަޝްރޫއު ނިމޭއިރު އެ ބުރިޖުގެ ދިގުމުގައި 13.-15 ކިލޯ މީޓަރު ހުންނާނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައެޅީ އެއާޕޯޓު އެޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށްކަން ފާހަކަ ކޮށްލެވެއެވެ. އެއާޕޯޓު ފަދަ ޕްރޮޖެކްޓްތަކަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބަޖެޓުގައި ވަނީ 1.6 ބިލިއަން ރުފިޔާ ހިމަނާފައެވެ.

އިންތިހާބީ ރައީސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ގިނަ މަޝްރޫއުތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާޒް

    ސަބްސިޑީއެއްނޫން ކަނޑަންވީކީ. ކަނޑަންވީ ހުރިހާ ޕީއެސްއައިޕީ މަޝްރޫރަށް. ޖެހިހެޖިގެން ތިން ހަތަރު އަހަރު ނުޖެހޭ ބޮޑެތި އަދަދުން ޕީއެސް އައިޕީ ހިންގާކަށެއް. އަންނައަހަރުގެ ޕީއެސް އައިޕީ 2 ބިލިޔަނަށް ކުޑަ ކުރޭ. ސަރުކާރުތަކުން ގައުނުނދަރުވާފަ ރައްޔިރުން ކަރަށް ފައިން އަރަނީ.