ރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ، އެސްއީޒެޑް ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ، ބޭންކް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާގެ މަތިން، ރައީސްގެ ގަރާރަކުން އަހަރަކު އެއްފަހަރު އިއުލާނު ކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށެެވެ.

އަދި އެގޮތަށް ކަނޑައެޅުމަށްފަހު، މުރާޖައާ ކޮށް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން ރައީސްގެ ގަރާރަކުން އިއުލާނު ކުރަން ގަވާއިދުގައި ބުނެފައިވެއެވެ.

މިއާއެކު 2018 ވަނަ އަހަރު ޖެނުއަރީ 31ގައި އެއިރުގެ ރައީސްގެ ގަރާރުން ކަނޑައެޅި ކަނޑައެޅުން މުރާޖާކޮށް، ބޯޑު އޮފް އިންވެސްޓްމެންޓްގެ ލަފާދީފައިވާ ގޮތުގެ މަތިން އެސްއީޒެޑް ހިންގިދާނެ އިގްތިސާދީ މަސައްކަތަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

މިގޮތުން އެޒްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭ މިންވަރު 100 މިލިއަން ޑޮލަރަށް ދަަށްކޮށްފައިވާއިރު، އެސްއީޒެޑް ހިންގިދާނެ އިގްތިސާދީ މަސައްކަތްތައް ވަނީ އިއުލާނުކޮށްފައެވެ.

  • އެކްސްޕޯޓަށް އިސްކަން ދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.
  • ޓްރާންޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިން ޑޮކިންގ ސާވިސް
  • ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރީސަރޗް އެންޑް ޑެވެލޮޕްމެންޓް ސެންޓަރު
  • ދުނިޔޭގެ ފެންވަރުގެ އައިސީޓީ ޕާކާއި، އައިސީޓީ ޕާކާއި ގުޅޭ ފެސިލިޓީތައް
  • އިންޓްނޭޝަނަލް ފައިނޭންޝަލް ސާވިސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރު
  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާ
  • ރާއްޖޭގައި އާއްމުކޮށް ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމު ކުރުމަށް ހިންގޭ މަޝްރޫއުތައް
  • ފުޑް ސެކިއުރިޓީ ދާއިރާ
  • ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތް

އެ ގަރާރުގައިވާގޮތުން މާލީ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑެވެލޮޕާ ގާއިމް ކުރުމަށް ހުށަހަޅާ، މުޅި އިންވެސްޓްމެންޓް ގާއިމް ކުރުމަށް އެ ފަރާތުން ހަރަދު ކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމެންޓް އަދަދެވެ.

އަދި މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑެވެލޮޕާ ގާއިމް ކުރުމަށް ހުށަހަޅާ، މުޅި އިންވެސްޓްމެންޓް ގާއިމް ކުރަން ހަރަދު ކުރާ ފިކްސްޑް އިންވެސްޓްމަންޓަށާއި، މާލީ ހިދުމަތް ފަށައިގަތުމަށް ރާއްޖެއަށް ގެނައުމަށް ޑެވެލޮޕަރު ކޮމިޓް ކުރާ ކެޕިޓަލް އިންވެސްޓްމެންޓް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ކެމްޕެއިން ދުވަސްވަރު ރާއްޖޭގައި އެސްއީޒެޑް ޕްލޭނެއް ތައާރަފް ކުރައްވާނެ ކަން ހާމަކުރައްވާފައެވެ.